16 Jul 2014, 22:50
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގާ ލާއިންސާނީ ޖަރީމާތަކާ މެދު ދިވެހިރާއްޖޭގެ ޚާރިޖިއްޔާއިން އަނެއްކާވެސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކަކީ ބައިނަލްއަގުވާމީ ސަލާމަތަށްހުރި ނުރައްކަލެއް ކަމަށެވެ. އެހެންކަމުން އިސްރާއީލާ މެދު އދ ގެ ސަލާމަތީ މަޖިލީހުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އިސްރާއީލުގެ އުދުވާނީ ހަމަލާތަކުގައި ކުށެއް ނެތް އެތަކެއް ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުން މަރުވަމުންދާ ކަމަކީ ދިވެހިރާއްޖެއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އިސްރާއީލުގެ އެ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށްޓަކައި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމަށާއި އެކަމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ހައްލެއް ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން ފޮރިން މިނިސްޓްރީން މީގެކުރިން ނެރުނު ބަޔާނުގައި ބައިނަލްއަގުވާމީ މުޖުތަމައު އިން ކުރަމުންދާ އިލްތިމާސްތަކަށް އިޖާބަދީ "އިންޓަނޭޝަނަލް ހިއުމަނިޓޭރިއަން ލޯ" އިހްތިރާމް ކުރުމަށް އިލްރޭލްގެ ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.