ހަދަމުންދިޔަ އިމާރާތެއްގެ ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވާ މިދިޔަ އަހަރުގެ ޖެނުއަރީ ތިންވަނަ ދުވަހު ފެނުނު މަރިޔަމް ޝީރީން، "އަހަރެން އަދި މަރުވާނީ ނަޖާހު އަތުންނޭ" ބުނެފައިވާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގައި މިއަދު މީހަކު ހެކިބަސް ދީފި އެވެ.

ފޯން ކޯލް ކޮންފަރެންސް މެދުވެރިކޮށް ލ. ގަމު ކޯޓުގައި ހުރެ ހެކިބަސް ދެމުން އެރަށު ޓޮމާޓޯ ވިލާ، ޒަރީނާ މުހައްމަދު ބުނީ 2009 ވަނަ އަހަރުގެ ދުވަހެއްގައި ގަމު ފިހާރައެއްގެ ތެރޭގައި އޭނާ އިންދާ އެތަނަށް ޝީރީން އައި ކަމަށެވެ. އޭރު އޭނާގެ ލޯ ހުރީ ލޭ އަރާފައި ހުރި ކަހަލަ ގޮތަކަށް ކަމަށެވެ.
އޭނާ އަދި ބުނީ އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން އެއީ އޭނާގެ ލޯބިވެރިޔާ ނަޖާހު ކޮށްފައި ހުރި ކަމެއް ކަމަށާއި "އަހަރެން އަދި މަރުވާނީ އެ ޅއ އަތުންނޭ" ޝީރީން ބުނި ކަމަށެވެ.
ހެކިބަސް ދިން އިރު އެ ދުވަސްވަރު ޝީރީނާއި ނަޖާހު ވެސް އުޅުނީ ގަމުގައި ކަމަށް ޒަރީނާ ބުންޏެވެ. އޭނާ އިތުރަށް ބުނީ ނަޖާހާމެދު އޭނާގެ އެއްވެސް ރުޅިވެރިކަމެއް ވެސް ހަސަދައެއް ވެސް ނޯންނާނެ ކަމަށެވެ.

ޝީރީން މަރުވެފައި އޮއްވައި ބެއްލެވި ތިން ޑޮކްޓަރުން ވެސް މިއަދު ވަނީ ސީދާ ކްރިމިނަލް ކޯޓަށް ވަޑައިގެން ހެކިބަސް ދެއްވާފަ އެވެ. އޭގެ ތެރެއިން ޑރ. އަހުމަދު މިގްދާދު ވިދާޅުވީ ޝީރީން ހޮސްޕިޓަލަށް ގެނައި އިރު އޮތީ ލޯ ކައިރި ރަތްވެ ހަށިގަނޑުގެ އެކިތަންތަން ކަޅުވެފައި ކަމަށެވެ. އެހެން ނަމަވެސް ޝީރީނަށް އަނިޔާކޮށްފައި ހުރި ކަމުގެ އެއްވެސް ހެއްކެއް ޝީރީނުގެ ހަށިގަނޑު ބޭރުން ބެއްލެވި އިރު ފެނިވަޑައި ނުގެންނެވި ކަމަށެވެ.
ޑރ. މިގުދާދު ވިދާޅުވީ ޝީރީނުގެ ހަށިގަނޑުން އާދަޔާހިލާފު ކަންތައްތަކެއް ފާހަގަ ކުރެއްވިގެން ޕޯސްޓްމޯޓަމް އެގްޒާމެއް ހެދުމަށް ފުލުހުންނަށް ރެކޮމެންޑް ކުރައްވާފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ ބައްޔެއްގެ ސަބަބުން ވެސް ލޯ ރަތްވެފައި ހުރެދާނެ ކަމަށާއި ހަށިގަނޑު ކުނިވާން ފަށާފައި ހުރުމުން ވެސް ހަށިގަނޑުގެ އެކިތަންތަން ކަޅުވެފައި ހުރެދާނެ ކަމަށެވެ.

ޝީރީން ބެއްލެވި އެހެން ޑޮކްޓަރެއް ކަމަށްވާ ޑރ. އަބްދުﷲ އުބައިދު ވެސް ވިދާޅުވީ ޝީރީންނަށް އަނިޔާކޮށްފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށެވެ. ނަމަވެސް ހަށިގަނޑު ކުނިވާން ފަށާފައި އޮތުމުން އޭނާއަށް އަނިޔާކޮށްފައިނުވާކަން ބުނެދޭން ވެސް ނޭނގޭ ކަމަށެވެ.
ޑރ. އުބައިދު ވިދާޅުވީ ޝީރީން މަރުވެފައިވާ ތާރީހު ވެސް ބުނެދޭން ނޭނގޭ ކަމަށާއި ޕޯސްޓްމޯޓަމަކަށް ރެކޮމެންޑް ކުރީ ވެސް ގިނަ ކަންތައްތަކެއް އޮޅުން ނުފިލައިގެން ކަމަށެވެ.

މީގެ ކުރީގެ ޝަރީއަތުގެ މަޖިލީހެއްގައި ހެކިބަސް ދެމުން ނަޖާހުގެ ކުރީގެ އަނބިމީހާ ބުނެފައި ވަނީ ޝީރީން މަރާލާނެ ކަމަށް ނަޖާހު އޭނާ ގާތުގައި ބުނެފައިވާ ކަމަށެވެ. އަދި ޝީރީންދެކެ ރުޅިއައިސްގެން ވަޅިއެއް ހިފައިގެން ނަޖާހު އުޅުނު މަންޒަރު ފެނިފައިވާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ޝީރީން މަރުވެފައި އޮއްވާ ފެނުނު މ. އަންގާގިރި ކައިރިއަށް ނަޖާހު ބަރު ފޮށިގަނޑެއް ބޭލި ކަމަށާއި އޭނާ ޓެކްސީ ހުއްޓުވީ މާފަންނު ގަޑިބުރު ކައިރިއަށް ކަމަށް އެ ޓެކްސީ ޑްރައިވަރު ބުނެފައިވެ އެވެ. އަދި އެ ފޮށިގަނޑު ޓެކްސީއަށް އެރުވިތާ އެއް ދުވަސް ފަހުން ޑިކީގައި ނުބައި ވަހެއް ހުރި ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ޝީރީން މ. ކުރަހާގޭގައި އުޅުނު އިރު އޭނާއާ އެއްކޮށް އުޅުނު ފިރިހެނެއް ކަމަށްވާ މިރުފަތު ހަނީފް (ހަނީ) ބުނެފައި ވަނީ ޝީރީން ގެއްލުނު ދުވަހުގެ ކުރީ ދުވަހު ނަޖާހު ހަރަކާތްތެރިވީ އެހެންޏާ ނޫޅޭ ފަދަ ގޮތަކަށް ކަމަށެވެ. ޝީރީނާއި ހަނީއަކީ ވެސް ލ. މުންޑޫ ދެމީހުންނެވެ.
ހަނީގެ ހެކި ބަހުގައި ސިޓިންގް ރޫމަށް ކޮންމެ ފަހަރަކު އެރޭ ނަޖާހު ނުކުންނަ އިރު ދޮރު ތަޅުލާ ކަމަށް ވެސް އޭނާ ބުންޏެވެ. އެއްފަހަރަކު ނަޖާހު ނުކުތް ވަގުތެއްގައި އެ ކޮޓަރިއަށް ބޯ ކޮށްޕައިލި އިރު ޝީރީން އާންމުކޮށް ނުލާ ވަރުގެ ކުރު ސޯޓު ބުރިއެއް ލައިގެން އެނދުގައި އޮށޯވެ އޮތް ކަމަށް ހަނީ ބުންޏެވެ.