ސިވިލް ކޯޓުގެ ފަނޑިޔާރުންގެ ނުރުހުމުގައި އެބޭފުޅުން އެހެން ކޯޓަކަށް ބަދަލުނުކުރުމަށް ކަމާ ބެހޭ ފަރާތްތަކުގައި ދެންނެވުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ގަރާރެއް ފާސްކޮށްފި އެވެ.

ސިވިލް ކޯޓުން މިއަދު ނެރުނު ގަރާރުގައި ބުނެފައި ވަނީ ކޮންމެ ފަނޑިޔާރަކު ވެސް ނިޔާ ކަނޑައަޅަމުން ދަނީ މިނިވަންކަމާ އެކު ގާނޫނުގައި ކަން އޮތް ގޮތް ބަލައިގެން ކަމަށެވެ. އަދި އެފަދަ ނިޔާއެއް ފަނޑިޔާރަކު އިއްވާނީ އެ ފަނޑިޔާރަކު ކުރާ ހުކުމަކުން އެ ފަނޑިޔާރެއްގެ މަގާމާއި އެ މަގާމުގައި އެ ފަނޑިޔާރަކު މަސައްކަތް ކުރާ ކޯޓު ބަދަލުވެގެން ނުދާނެ ކަމުގެ މައްޗަށް، ގާނޫނު އަސާސީންނާއި، ގާނޫނުން ލިބިދޭ މަގާމު ރައްކާތެރިކުރުމުގެ އިޢުތިޤާދުގެ މަތީގައި ތިބެ ކަމަށް ވެސް އެ ގަރާރުގައި ބުނެފައި ވެއެވެ.

އެ ގަރާރުގައި ބުނެފައި ވަނީ ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ މެދުގައި ދައުރުވުމެއް އޮންނާނެ ގޮތުގެ ތަސައްވުރެއް އެކަށައަޅައި އާންމުކޮށް ހާމަކުރުމެއް ނެތި، ތާޒާ ކުރުމުގެ ނަމުގައި ވަކި ވަކި ފަނޑިޔާރުން ވަކި ކޯޓުތަކަށް ބަދަލުކުރުމުގެ ވިސްނުމާއި ގޮތްތަކެއް ކަމާބެހޭ އެއްވެސް ފަރާތްތަކުން ގެންގުޅޭނަމަ އެގޮތަކީ ޤަޟާއީ ނިޒާމަށް އެންމެ ފައިދާ ހުރި ގޮތްތޯ ބަލަންޖެހޭ ކަމަށެވެ.

ހަމައެހެންމެ ޖުޑީޝަލް ސާވިސް ކޮމިޝަނަށް މެމްބަރުން އިންތިޚާބުކުރުން ބޯމަތިވެފައިވާ މިވަގުތުގައި މިފަދަ ކަމެއް ހިނގާނަމަ އެއީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ އަމަލެއްކަމުގައި ބެލެވިދާނެ ފަދަ އަމަލެއް ކަމުގައި ނޫނީ ނުވާނެ ކަމަށް ވެސް އެ ގަރާރުގައި ވެއެވެ.