16 Jul 2014, 19:16
އެއް އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް މައާފު ދެއްވައިފި އެވެ.
ޖާބިރުގެ އަރިސް ބޭފުޅަކު މިރޭ ސަންއަށް ވިދާޅުވީ ޖާބިރަށް ރައީސް ޔާމިން މައާފު ދެއްވީ މިއަދު މެންދުރު ވަގުތެއްގައި ކަމަށާއި އޭނާއަށް މައާފު ދެއްވީ ގައިދީންނަށް މައާފު ދިނުމާއި އަދަބު ލުއިކޮށްދެއްވުމުގެ ގާނޫނުގެ ދަށުން ކަމަށެވެ. ޖާބިރަށް މައާފު ދިނުމަށް ރައީސް ނިންމެވީ އޭނާގެ ހުކުމުގެ ދެ ބައި ކުޅައެއްބައި ތަންފީޒުކޮށް ނިންމުމާ ގުޅިގެންނެވެ.
ޖާބިރު ޖަލުގައި ހުކުމް ތަންފީޒުކުރައްވާފައި ވަނީ ކުޑަކަމުދާތަކެތި ދިނުމަށް ފުލުހުން އެގުމުން އެކަމަށް އިންކާރުކުރުމާ ގުޅިގެންނެވެ.
ކުޑަކަމުދާއެއްޗިހި ދިނުމަށް ފުލުހުން އޭނާ އަށް އަންގާފައި ވަނީ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ހދ. ހޮނޑައިދޫގައި އޭނާ މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތު ކުރެވިގެންނެވެ.
ޖާބިރު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިއަހަރުގެ ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ.