ރައީސަކު ކުށެއްކޮށްފި ނަމަ ވަކި މުއްދަތަކަށް އިނާޔަތް ނުދޭ ގޮތަށް "ރައީސުލްޖުމްހޫރީއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނު" އަށް އިސްލާޙް ހުށަހަޅައިފި އެވެ.

ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރު ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި އިސްލާހަގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރީއްޔާ ކަމުގެ މަގާމް އަދާކުރެއްވި އިރު ކުށެއް ކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވެއްޖެ ނަމަ އެ ހުކުމެއް އަންނަ ދުވަހުން ފެށިގެން 10 އަހަރު ދުވަސް ވަންދެން އެ ބޭފުޅަކަށް ދައުލަތުންދޭ އިނާޔަތެއް ނުލިބޭނެ ކަމަށެވެ.

އިސްލާހުގައި ބުނެފައިވާ ގޮތުން ރައީސުލްޖުމްހޫރީއްޔާ ކަމުގެ މަގާމް އަދާކުރި އިރު ކޮށްފައިވާ ހިޔާނާތުގެ ސަބަބުން ނުވަތަ ކޮރޮޕްޝަންގެ އަމަލެއްގެ ސަބަބުން ޝަރުޢީ ހުކުމެއް އަތުވެއްޖެ ނަމަ އެފަދަ ކުށެއް ސާބިތުވާ ދުވަހުން ފެށިގެން 10 އަހަރު ދުވަސް ވަންދެން ދައުލަތުންދޭ އެއްވެސް އިނާޔަތެއް އަދި ރައްކާތެރިކަމެއް އެ ބޭފުޅަކަށް ނުލިބޭނެ އެވެ.

ރިޔާޒް ރަޝީދު ހުށަހެޅުއްވި އިސްލާޙުގައިވާ ގޮތުން ރައީސުލްޖުމްއްހޫރީއްޔާ ކަމުގެ މަގާމް އަދާ ކުރެއްވުމަށް ފަހު ވެސް އެއްވެސް ބާވަތެއްގެ ކުށެއްކުރިކަން ޝަރުޢީ ކޯޓަކަށް ސާބިތުވެއްޖެ ނަމަވެސް ވަކި މުއްދަތަކަށް ދައުލަތުންދޭ އެއްވެސް އިނާޔަތެއް ނުވަތަ ރައްކާތެރިކަމެއް އެ ބޭފުޅަކަށް ނުލިބޭނެ އެވެ. އެގޮތުން ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެއްޖެ ނަމަ އެ ކުށެއް ސާބިތުވާ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ވަންދެން އެ ބޭފުޅަކަށް ދައުލަތުންދޭ އެއްވެސް އިނާޔަތެއް އަދި ރައްކާތެރިކަމެއް ވެސް ނުލިބޭނެ އެވެ.

"ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރި ކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނު" ހުށަހެޅި އިސްލާހުގައިވާ ގޮތުން ރައީސްކަން ކޮށްފައިވާ ބޭފުޅަކު ވެރިކަމުގައި ހުންނެވި ދުވަސްވަރު ވެސް ނުވަތަ އޭގެ ފަހުން ވިޔަސް ދިވެހި ރާއްޖޭގެ މިނިވަންކަން ގެއްލޭ ފަދަ އަމަލެއް ކުރުން ނުވަތަ އެފަދަ ކަމަކަށް ހިއްވަރު ދިނުން، ނުވަތަ ޓްރަރިސްޓް އަމަލެއް ހިންގުން އެފަދަ ޖަމާއަތެއްގައި ބައިވެރިވުން އެފަދަ ކަމަށް ގޮވާލުން ނުވަތަ ހިތްވަރު ދިނުން އަދި ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑުވާ ފަދަ އަމަލެއް ކުރުން ނުވަތަ އެފަދަ ކަމަކަށް ހިއްވަރު ދިންކަން ޝަރުޢީ ކޯޓަކަށް ސާބިތު ވެއްޖެ ނަމަ ވެސް އެ ބޭފުޅަކަށް ދައުލަތުންދޭ އެއްވެސް އިނާޔަތެއް އަދި ރައްކާތެރިކަމެއް ވެސް ނުލިބޭނެ އެވެ.

"ރައީސުލްޖުމްހޫރީއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނު" އަށް ރިޔާޒް ހުށަހެޅި އިސްލާހްގެ ބިލުގެ ފުރަތަމަ ކިޔުން ވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއްވައިފަ އެވެ.