ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އެމްޑީޕީން މަސައްކަތް ކުރައްވަމުން ގެންދަނީ، ރާއްޖޭގެ މަސްވެރިކަން "ހަލާކުކޮށްލަން" ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ފިޝަރީޒް މިނިސްޓްރީގައި މިއަދު އޮތް ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރު ވިދާޅުވީ، މިދިޔަ ދުވަސްތަކުގައި ރާއްޖޭގެ މަސްވެރިކަމާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ނުރަނގަޅު ވާހަކަތަކެއް ރައީސް ނަޝީދާއި އެމްޑީޕީން ދައްކަމުންދާ ކަމަށެވެ. އަދި ރާއްޖޭން ބޭރުގެ ނޫސްތަކުގައި ވެސް އެ ވާހަކަތައް ފަތުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސިޔާސީ ވާދަވެރިކަމެއްގެ ސަބަބުން ރާއްޖޭގެ މަސްވެރި ކަމަށް ދެރައެއް ލިބޭނެ ގޮތަކަށް، އެކަހަލަ ވާހަކަތަކެއް ދެއްކުމަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވާފައިވާ ބޭފުޅަކު ކުރައްވާ ވަރުގެ ކަމެއް ނޫނޭ. މިކަން ކުރުމުގެ ބޭނުމަކީ ހަގީގަތް އޮޅުވައިލުން، ނުވަތަ އިތުރުފުޅު ހެއްދެވުން. އަދި ސިޔާސީ ހަސަދަވެރިކަމެއްގެ ސަބަބުން މި ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން،" ޝައިނީ ވިދާޅުވި އެވެ.

އެމްޑީޕީން ރާއްޖޭގެ ފަތުވެރިކަން ބޮއިކޯޓް ކުރުމަށް ގޮވާލި ގޮވާލުމުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު ހީނަރުކަމުން އަރައިގަނެވުނީ ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކޮށްގެން ކަމަށް އިޝާރާތްކުރައްވައި މިނިސްޓަރު ޝައިނީ ވިދާޅުވީ، މިހާރު އެމްޑީޕީން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ މަސްވެރިކަން ނައްތާލަން ކަމަށެވެ.

މަސް ރިޕޯޓް ނެގުން ހުއްޓާލާފައިވާ ކަމަށް ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓަކަށް ރައްދުދެއްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި މިހާރު މަސް ރިޕޯޓް ނަގަމުންދަނީ ބައިނަލްއަގްވާމީ ފެންވަރެއްގައި ކަމަށެވެ. އަދި އެ ސިސްޓަމަކީ ރާއްޖެ ނިސްބަތްވާ ރީޖަންއިން އެންމެ ރަނގަޅު ކަމަށް ގަބޫލުކުރާ ސިސްޓަމް ކަމަށް ވެސް ޝާއިނީ ވިދާޅުވި އެވެ.

މިނިސްޓަރު ޝައިނީ ވިދާޅުވީ، މަސްވެރިކަމާއި މަސްވެރިކަމުން ލިބޭ އާމްދަނީ ދަށްވަމުންދާ ކަމަށް ދައްކަމުންދާ ވާހަކައަކީ ވެސް އިތުރުފުޅެއް ކަމަށާއި މަސްވެރިކަން ދަށްވެފައި ވަނީ އެމްޑީޕީގެ ސަރުކާރު އައި ފަހުން ކަމަށެވެ.

"މިިދިޔަ އަހަރު މަސްވެރިކަމުން މިހާތަނަށް ދުވަހަކު ވެސް ނުލިބޭ ވަރަށް ރާއްޖެއަށް އާމްދަނީ ލިބިފައިވޭ. އަދި ދަޅު މަސް އެކްސްޕޯޓް ކޮށްގެން ލިބޭ އާމްދަނީވެސް ދަނީ އިތުރުވަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން، ދާ އަޅައިގެން މަސްވެރިކަން ކުރުން ރާއްޖެއިން ހުޅުވާލާފައިވާ ކަމަށް ބުނެ ބޭރުގެ މަޝްހޫރު ނޫސްތަކުގައި ދޮގު ވާހަކަތައް ފަތުރަމުންދާއިރު، އެކަމަކީ ދިވެހި ސަރުކާރުން ކުރި އަދި ކުރާނެ ކަމެއް ވެސް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ، ތެލުން ޓެކްސް ނަގާކަށް މިސަރުކާރަކުން މަސައްކަތް ކޮށްފައިނުވާ ކަމަށާއި ނަމަވެސް ތެލުގެ އަގު ހެޔޮ ކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.