16 Jul 2014, 16:14
ދެ ފައިގެ ފަލަމަސްގަނޑުގައި ޓޭޕް އަޅައި ރައްކާކޮށްގެން ފުލައިޓަކުން އައްޑުއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު އަތުލައިގެންފި އެވެ.
ފުލުހުން ބުނީ އޭނާގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގުގެ ހަތް ލައްކަ އަށްވުރެ ގިނަ ރުފިޔާއަށް އަރާނެ ކަމަށެވެ. އަދި ބުނީ ޕޮލިސް އިންޓެލިޖެންސާ އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މޯލްޑިވިއަންގެ ފްލައިޓަކުން އައްޑޫއަށް ދިޔަ އެ މީހާ މަސްތުވާތަކެތި އެތެރެކޮށްފައި ވަނީ ހަށިގަނޑުގައި ރައްކާކޮށްގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މޯލްޑިވިއަންގެ ކިއުޓޫ 102 އިން މާލެއިން އައްޑޫ އަށް ދިޔަ އެ ޒުވާނާ މަސްތުވާތަކެތި އައްޑޫއަށް އެތެރެކޮށްފައި ވަނީ އޭނާގެ ދެ ފައިގެ ދެ ފަލަމަސްގަނޑުގައި ޓޭޕް އަޅައި ރައްކާކޮށްގެން،" ފުލުހުން ބުނެފައިވެ އެވެ.
އެ މައްސަލަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.