16 Jul 2014, 16:02
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން މިއަހަރުގެ ފިތުރު އީދާ ދިމާކޮށް ހަތަރު އަތޮޅެއްގެ ހަތަރު ރަށަކަށް ހެޔޮ އަގުގައި ދަތުރުތައް ކުރުމަށް ހަމަޖައްސައިފި އެވެ.
ޓީއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އީދު ބަންދާ ދިމާކޮށް މި މަހުގެ 24، 25 އަދި 26 މި ތިން ދުވަހު އެއާޕޯޓުން މީހުން ގެންދިއުމަށް ކޮންމެ ދުވަހަކު ދެ ދަތުރު ކުރާނެ ކަމަށެވެ. އެގޮތުން ނ. ވެލިދޫ އާއި ޅ. ހިންނަވަރު ގެ އިތުރުން މ. މުލި އަދި ށ. ފުނަދޫ އަށް ދަތުރުތަށް ކުރާނެ ކަމަށާއި އަނބުރައި މާލެ އައުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް މަހުގެ އެކެއް ދޭއް އަދި ތިންވަނަ ދުވަހު ކަމަށް ޓީއެމްއޭ އިން ބުންޏެވެ.
ދަތުރުގެ އަގުތަކަށް ބަލާލާއިރު ޓީއެމްއޭއިން ބުނީ ނ. އަތޮޅަށް ކުރާ ދަތުރުތަކަށް ހަރަދުކުރަން ޖެހޭނީ ކޮޅަކަށް 1000 ރުފިޔާ ކަމަށާއި ށ. އަތޮޅަށް ކޮޅަކަށް 1350 ރުފިޔާގެ އިތުރުން ޅ. އަތޮޅާއި މ. އަތޮޅަށް ކުރާ ދަތުރުތަކުގައި ދައްކަންޖެހޭނީ ކޮޅަކަށް 900 ރުފިޔާ ކަމަށެވެ.
އޭގެ އިތުރުން 12 އަހަރުން ދަށުގެ ކުޑަ ކުދިންނަށް 40 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށާއި ދެ އަހަރުން ދަށުގެ ކުޑަކުދިންނަށް އެއްވެސް ހަރަދެއް ނުދީ ދަތުރު ކުރެވޭނެ ކަމަށް ޓީއެމްއޭ އިން ބުނެއެވެ. އަދި ދަތުރުކުރާ ފަރާތްތަކަށް ކޮންމެ ޕަސެންޖަރަކަށް ވެސް 15 ކިލޯގެ މުދާ އުފުލޭނެ ކަމަށް ޓީއެމްއޭ އިން ބުނެއެވެ.
މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އޯކިޑް މަގުގައި ހުންނަ ސީއެޗްޕީ ބިލްޑިގްގެ ދެ ވަނަ ފަންގިފިލާއިން އޮރިއެންޓަލް އެކްސްޕްރެސްގެ އޮފީހުން ޓިކެޓް ލިބެން ހުންނާނެ ކަމަށް ޓީއެމްއޭ އިން ބުނެއެވެ.