ރާއްޖޭގައި ދާދިފަހުން ގާއިމްކުރި ފޮރިން ސާވިސް އިންސްޓްޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އަށް ޕާކިސްތާނު ސަރުކާރުން އިކްއިޕްމެންޓް ހަދިޔާކޮށްފި އެވެ.

ފޮސިމްއަށް ޕާކިސްތާނުން ކްލާސްރޫމް އިކްއިޕްމެންޓް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު މެންދުރު ފަހު ފޮރިން މިނިސްޓްރީގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޕާކިސްތާނުން ހަދިޔާ ކުރި ކްލާސްރޫމް އިކްއިޕްމެންޓް ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރް ސައްޔިދު ސާއިލް އައްބާސް އެވެ. އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައްބާސް ވިދާޅުވީ ރާއްޖޭގެ ފޮރިން ސާވިސް އިންސްޓްޓިއުޓާ ގުޅިގެން ޕާކިސްތާނުގެ ފޮރިން ސާވިސް އެކަޑަމީން އަބަދު ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ތަކެއްޗާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ފޮރިން މިނިސްޓަރް ދުންޔާ މައުމޫނު ޕާކިސްތާނަށް ޝުކުރު އަދާކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެމްބެސެޑަރް އެޓް ލާޖް ޑރ. މުހައްމަދު އާސިމާއި އެޑިޝަނަލް ސެކްރެޓަރީ ޑރ. އައިޝަތު ޝެހެނާޒް އާދަމް ބައިވެރިވަޑައިގެންނެވިއެވެ.