11 Jan 2011, 14:19
ލޯކަލް ގަވަމަންޓް އޮތޯރިޓީއަށް ރައީސް އައްޔަން ކުރެއްވި ވަޒީރު، ހޯމް މިނިސްޓަރު ހަސަން އަފީފު އެކަނި ހުންނަވައިގެން ކަނޑައެޅުއްވި ޝަރުތުތަކަށް ބުރަވެ އައްޑޫއަކީ ސިޓީ ކައުންސިލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ކަނޑަނޭޅުއްވެވޭނެ ކަމަށް ގައުމީ ޕާޓީން ބުނެފި އެވެ.
ގައުމީ ޕާޓީގެ ނައިބް ރައީސް އިމާދު ސޯލިހު މިއަދު ވިދާޅުވީ ސިޓީއެއްގެ ދަރަޖަ އައްޑުއަށް ދެވޭނީ ސިޓީގެ ދަރަޖަ ލިބުމުގެ ޝަރުތުތައް ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައެޅުމުން ކަމަށް ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައިވާ އިރު، އެފަދަ ބޯޑެއް ނެތި އެންމެ ބޭފުޅެއްގެ ނިންމެވުމެއްގެ މައްޗަށް ބަރޯސާވެގެން ސިޓީއެއްގެ ދަރަޖަ އައްޑުއަށް ނުދެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބޯޑަށް މެންބަރުން އައްޔަން ކުރެވޭނީ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ފަހު، ރަށު ކައުންސިލްތަކުންނާއި އަތޮޅު ކައުންސިލް ތަކުން ކަނޑައަޅާ މެންބަރުންނާއި ސިޓީ ކައުންސިލުން ކަނޑައަޅާ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ވަޒީރަކާއެކުގަ އެވެ. އެފަދަ އެ ބޯޑުން ކަނޑައަޅާ ރައީސަކާއި ނައިބު ރައީސެއް ވެސް ހުންނަންވާނެ ކަމަށާއި މުޅި ބޯޑުގެ ނިންމުމުގެ މައްޗަށް ބުރަވެ، ސިޓީއެއްގެ ޝަރުތުތައް ކަނޑައެޅިދާނެ ކަމަށް އިމާދު ސޯލިހު ވިދާޅުވި އެވެ.
"އެ ހުރިހާ މެންބަރުން ބޯޑަށް އައްޔަންކޮށްގެން ޝަރުތު ކަނޑައެޅިދާނެކަން ސިވިލް ކޯޓްގެ ހުކުމުން ވަރަށް ސާފުކޮށް އިނގޭ. އެހެންނަމަވެސް ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބޯޑަކީ ހަމައެކަނި ހަސަން އަފީފު ކަމަށް ވިދާޅުވެ، ރައީސް އިއްޔެ ނިންމެވި ނިންމެވުމަކީ ކުރެވޭނެ ކަމެއް ނޫން." އޭނާ ވިދާޅުވި އެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީއަށް ރައީސް އައްޔަން ކުރެއްވި ހޯމް މިނިސްޓަރު ހަސަން އަފީފު ވިދާޅުވީ އޭނާ އެކަނި ހުންނަވައިގެން ވެސް ސިޓީގެ ޝަރުތުތައް ކަނޑައެޅިދާނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމަކީ މައްސަލައެއް ކަމަށްވާ ނަމަ އެނެއްކާ ވެސް ކޯޓަށް ދިއުން ރަނގަޅުވާނެ ކަމަށެވެ.
އިމާދު ވިދާޅުވީ އަފީފު ކަނޑައެޅުއްވި ޝަރުތުތަކާ އެކު، އައްޑޫއަކީ ސިޓީއެއް ކަމަށް ރައީސް ދެވަނަ ފަހަރަށް ނިންމެވި ނިންމެވުމާ ގުޅިގެން ކޯޓަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށެވެ. ސަބަބަކީ އިލެކްޝަންސް ކޮމިޝަނުން މިހާރު އަމަލު ކުރަން ޖެހޭނީ ސިވިލް ކޯޓްގެ ހުކުމަށް ކަމަށްވާތީ އާއި ރައީސްގެ ނިންމެވުމަށް އިލެކްޝަނުން ބޯލަނބަން ނުޖެހޭނެތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބް ރައީސް އަހުމަދު ފަޔާޒު ހަސަން ވިދާޅުވީ ސިވިލް ކޯޓްގެ ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވެފައި އޮތުމުން އެ ކަމަށް އެ ކޮމިޝަނުން އިންތިޒާރު ކުރާ ކަމަށެވެ. ސަބަބަކީ އެ ހުކުމް އިސްތިއުނާފުކޮށްފި ނަމަ އިލެކްޝަނުން އަމަލު ކުރަން ޖެހޭނީ މަތީ ކޯޓުން ނިންމާ ނިންމުމަކަށް ކަމަށް އިޝާރާތް ކުރައްވައި ފަޔާޒު ވިދާޅުވީ ބަންޑާރަނައިބު އިސްތިއުނާފު ނުކުރައްވައިފި ނަމަ ސިވިލް ކޯޓުން ކުރި ހުކުމަށް ކޮމިޝަނުން އަމަލު ކުރަން ޖެހޭ ކަމަށެވެ.