ވަޒީރުސްތާން (ޖުލައި 16) : އެމެރިކާގެ ޑްރޯން މަތިންދާބޯޓަކުން ދިން ރޮކެޓް ހަމަލާތަކެއްގައި ޕާކިސްތާނުގެ ވަޒީރުސްތާން ސަރަހައްދުން 13 މީހުން މަރުވެއްޖެ އެވެ.

އެމެރިކާއިން މިހަރުކަށި ހަމަލާދީފައި މިވަނީ ވަޒީރުސްތާނުގެ ރައްޔިތުން ރޯދައިގެ މަތިވެރި އަޅުކަން އަދާކުރަމުން ގެންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. މިޙަމަލާއަށް ފަހު އެމެރިކާ ބުނެފައި ވަނީ ހަމަލާތައް އަމާޒުކުރީ "ޓެރަރިސްޓުން" މަރުކަޒަކަށް ކަމުގަ އެވެ. ނަމަވެސް މިޙަމަލާގައި މަރުވީ ވަޒީރުސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންކަން ނުވަތަ ކުށެއްނެތް އާންމުންކަން ސާފުވެފައެއްނުވެ އެވެ. އެމެރިކާގެ މިފަދަ ޙަމަލާތަކުގައި އާންމުގޮތެއްގައި މަރުވަނީ ޕާކިސްތާނުގެ ކުށެއްނެތް ނިކަމެތި އާންމުންކަމަށްވެފައި މީހުން މެރުމުގެ ނިޔަތުގައި ހަމަލާ ދިނުމަކީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ ޚިލާފު ކަމަކަށްވާތީ އެމެރިކާގެ މިފަދަ އަމަލުތަކަކީ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތަކުގެ އިތުރުން ހަނގުރާމައިގެ ޖަރީމާގެ ކެޓަގަރީއަށް ފެތޭނެ އަމަލުތަކެއް ކަމަށް ބައިނަލްއަގްވާމީ ގާނޫނީ މާހިރުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތަކުން ދެކެ އެވެ.

ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ ރޮކެޓް ހަމަލާތައް އަރާފައިވަނީ ވަޒިރުސްތާނުގެ "ޒަވީ ސައްޔިދުގާއި" ސަރަހައްދުގެ އިމާރާތްތަކަކަށެވެ. އެމެރިކާގެ މިޙަމަލާގައި 20 މީހުން މަރުވި ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ. އެމެރިކާ އިން ވަޒީރުސްތާނާ ދެކޮޅަށް ދޭ މިފަދަ ހަރުކަށި ޙަމަލާތައް މިދިޔަ އަހަރުތަކާ އަޅާބަލާ އިރު މި އަހަރު ވަރަށް މަދުކަން ފާހަގަ ކުރެވެ އެވެ. ފާއިތު އަށެއްކަ އަހަރު ތެރޭގައި އެމެރިކާގެ މިފަދަ ހަރުކަށި އަދި ސްޓޭޓް ޓެރަރިޒަމްގެ އަމަލުތައް ކަމަށް ތުހުމަތުކުރޭ ހަމަލާތަކުގައި އަހަރެއްގެ މައްޗަށް އެވެރެޖްކޮށް ހާހަކަށް ވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)