ފަލަސްތީނުގެ ހަމާސް ޖަމާއަތުން އެމީހުންގެ ހަތިޔާރުތައް ފޮރުވަނީ އާންމު ރައްޔިތުން އުޅޭތަންތަނުގައި ކަމަށް ބުނެ ފަލަސްތީނުގެ ގިނައަދަދެއްގެ ގެތަކާއި ނުކުޅެދޭމީހުން ބަލަހައްޓާ މަރުކަޒަކާއި ސްކޫލްތަކާއި އެތަކެއް ހޮސްޕިޓަލަކަށް އިސްރާއީލުން ވަނީ ހަމަލާދީ ސުންނާފަތިކޮށްލާފައެވެ.

"އަހަރެންނަށް އަބަދުވެސް ހޭލެވެނީ ބޮމެއް ގޮވާފާނެތީވެ އެކަމާ ބިރުން. އެހެންވެ އަހަރެން މިހާރު [ހޮސްޕިޓަލުގައި] ނިދަން ވެސް ބިރުގަނޭ. ބައެއް ފަހަރު އިސްރާއީލުން ހަމަލާދެނީ އަހަރުމެން ތިބޭ ތަނާ ވަރަށް ކައިރި ތަންތަނަށް،" އިސްރާއީލުގެ ހަނގުރާމަކުރާ މަތިންދާ ބޯޓަކުން ބޮޅުއަޅާތަން ބަލަންހުރި އެގާރަ އަހަރުގެ އަހުމަދު އަބޫ ގާސިމް އަލްޖަޒީރާއަށް ކިޔައިދިނެވެ.

އަހުމަދަކީ ޣައްޒާ ސިޓީގައި ހުންނަ ރަންޓްސީ ސްޕެޝަލިސްޓް ޕީޑިއެޓްރިކް ހޮސްޕިޓަލުން ކްރޮނިކް ހައިޕާޓެންޝަން ބައްޔަށް އެންމެ ކުޑައިރުއްސުރެ ފަރުވާ ހޯދަމުން އަންނަ ކުއްޖެކެވެ. އޭނާގެ ގެ ހުންނަ އަވަށް ކަމަށްވާ ބެއިޓް ހާނޫނާއި 10 ކިލޯމީޓަރު ދުރުގައި ހުންނަ އެހޮސްޕިޓަލަށް އަހުމަދު ދަނީ އޭނާގެ މަންމަ އީމާނާ އެކީގައެވެ.

މިމަހުގެ އެގާރަ ވަނަ ދުވަހު އިސްރާއީލުން ނުކުޅެދޭ މީހުން ބަލަހައްޓާ މަރުކަޒު ގޮއްވާލުމުން ގިނަ އަދަދެއްގެ ފަލަސްތީނު މީހުންވަނީ ހޮސްޕިޓަލަށް ދިޔުން މަދުކޮށްފައެވެ. އެމީހުންގެ ތެރޭގައި އަހުމަދު ވެސް ހިމެނެއެވެ. އަހުމަދު ދާއިމީ ގޮތަކަށް ބޭސްފަރުވާ ކުރަން ޖެހުނުކަމުގައި ވިޔަސް އޭނާގެ މަންމަ މިހާރު އޭނަ ހޮސްޕިޓަލަށް ގެންދަނީ ކޮންޓްރޯލް ނުކުރޭވަރަށް އޭނާގެ ހާލަތު ގޯސްވުމުން އެމްބިއުލެންސްގައި ކަމަށް އޭނާގެ މަންމަ ބުންޏެވެ.

"އެމަޖެންސީ ކަމެއް ދިމާވެގެން އަހަރެން ޖެހުނީ އަހަރެންގެ ފަރިފުޅުގެ ފަރުވާ މެދުކަނޑާލަން،" އަހުމަދު ހޮސްޕިޓަލުގައި މަޑުނުކޮށް ގެންދަނީ ކީއްވެކަން ކިޔައިދެމުން އަހުމަދުގެ މަންމަ ބުންޏެވެ. "އޭނާގެ ހާލުދެރަވެއްޖެއްޔާ އަހަރުމެން އޭނަ ހޮސްޕިޓަލަށް ގެންދަނީ އެމްބިއުލެންސެއްގައި،" އަހުމަދުގެ މަންމަ ބުންޏެވެ.

އަލްޖަޒީރާއާ ވާހަކަދައްކަމުން އަހުމަދުގެ މަންމަ ބުނީ އޭނާވެސް އިސްރާއީލުން ދީފާނެ ހަމަލާއަކަށް ބިރުވެތިވާ ކަމަށާއި އަހުމަދު ގޮވައިގެން ހޮސްޕިޓަލަށް ދާއިރު އޭނާގެ ފިރިމިހާގެ ހަވާލުގައި ގޭގައި ތިބި އޭނާގެ އެހެން ދަރިންނާ މެދުވެސް ފިކުރު ބޮޑުވާކަށެވެ.

"އަހަރެން މަސައްކަތް ކުރަނީ އަހަރެން ބިރު ގަންނަ ކަމަށް ނަހަދާ އަހަރެންގެ ބަލި ދަރިފުޅު ބިރުން ރޯއިރު އޭނާ ގައިގައި ބައްދާލައިގެން ހުންނަން. އެކަމަކު ބެއިތް ހާނޫނަށް ބޮމުގެ ހަމަލާއެއް އައި ޚަބަރު ލިބުމުން އަހަރެންގެ ފިރިމީހާ އާއި ދެން ތިބި ދަރިންގެ ހާލާއި މެދު ވަރަށް ފިކުރު ބޮޑުވޭ،" އަހުމަދުގެ މަންމަ އޭނާގެ ހިތުގެ އުދާސްތަށް އަލްޖަޒީރާއާ ހިއްސާކުރިއެވެ.

ހޮސްޕިޓަލު ފަދަ ތަންތަނަކީ އެންމެ ނިކަމެތި ހާލުގައި ޖެހި އަނިޔާވެގެން ފަރުވާ ހޯދަންދާން ހުރި ހަމައެކަނި ތަންތަނެވެ. އެފަދަ ތަންތަނަށް ބޮންއަޅަނީ ހަމާސް މީހުންގެ ހަތިޔާރުތައް ހަލާކުކުރަން ކަމުގައި އިސްރާއީލުން ބުނިކަމުގައި ވިޔަސް ހަގީގަތައް ބަލާލާ އިރު އިސްރާއީލުންގެ އެފަދަ ލާއިންސާނީ ޖަރީމާތަކުން އެންމެ ބޮޑަށް ގެއްލުންވަނީ ހަމާސް އަށް ތޯ؟ ނޫނީ ޣައްޒާގެ އާންމު ރައްޔިތުންނަށް ތޯ ސުވާލު އުފެދެއެވެ؟