އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ސިޓީ ތަމްސީލް ކުރައްވާ އެމްޑީޕީގެ ހަތަރު މެމްބަރުން ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ދެ މެގަވޯޓުގެ ޖަނެރޭޓަރެއް އައްޑޫއަށް ދެއްވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފައިވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި ނަމަވެސް އެ ވައުދު އަދިވެސް ފުއްދާފައި ނުވާ ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ، ކަރަންޓުގެ މައްސަލައާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން އެސިޓީގެ އިންޖީނުގެތަކާ ސުވާލުކުރުމުން އެކަމާ ބެހޭ މައުލޫމާތު ދެއްވާނީ ފެނެކަ ކޯޕަރޭޝަނުން ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް އެ ކުންފުންޏާ ގުޅުމަށް ސިޓީ ކައުންސިލުން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ އެއްވެސް މަސައްކަތެއް ކުރާ ކަމަކަށް. އެހެން ނޫންނަމަ އެކޮޅުގައި ތިބޭ ބޭފުޅުންނަށް ޖަވާބުދާރީ ނުވެވިއެއް ނުހުންނާނެ. އެބޭފުޅުން މިހާރު ކައުންސިލުން ސުވާލު ކުރީމަ ވިދާޅުވަނީ ތިމަންނަމެންނަށް ތިޔަކަށް ދޭނެ ޖަވާބެއް ނެތޭ. މާލޭ ހެޑް އޮފީހުންނޭ ދެން ތިޔަށް ޖަވާބުދޭނީ،" ރޮޒައިނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންމެ ދުވަހަކު އެތަށް ގަޑިއިރަކު އައްޑޫ ސިޓީން ކަރަންޓު ކެނޑެމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން ވިޔަފާރިތަކާއި ރައްޔިތުންނަށް ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.

"އައްޑޫ ސިޓީގަ ކޮންމެ ދުވަހަކު އެތަށް ގަޑިއިރަކު ކަރަންޓު ކެނޑެމުން ދަނީ. ވިޔަފާރިތަކަށް ވެސް އޭގެ ގެއްލުން ވަމުން ދަނީ. ގޭގެ ފްރިޖުގައި ބަހައްޓާފައި ހުންނަ އެއްޗިހި ވެސް ހަލާކުވޭ. އޭގެ އިތުރުން މަގު ބައްތި ތަކަށް ވެސް ކަރަންޓު ނުދޭ،" ރޮޒައިނާ ވިދާޅުވި އެވެ.

ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑު އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވީ، އައްޑޫ ސިޓީއަށް ކަރަންޓުގެ މައްސަލަ ދިމާވެގެން އުޅެނީ ޖަނެރޭޓަރުގެ 850 ކިލޯވޯޓުގެ ޓާބޯޗާޖަރު ހަލާކުވުމުގެ ސަބަބުން ކަމަށާއި ދެން އިތުރު ޖަނެރޭޓަރެއް ހަލާކުވެއްޖެނަމަ ހިތަދޫން ފެށިގެން ގަމާހަމައަށް ކަރަންޓެއް ނޯންނާނެ ކަމަށެވެ.

"މީގައި ބިރުވެރިކަމަކީ ދެން އިތުރު ޖަނެރޭޓަރަކަށް މައްސަލައެއް ދިމާވެއްޖެއްޔާ މި ރަމަޟާން މަހު އައްޑޫ ސިޓީ ހިތަދޫން ފެށިގެން ގަމާ ހަމައަށް އެއާޕޯޓު ވެސް އޮންނާނީ ކަނު އަނދިރީގައި،" އިބްރާހީމް ދީދީ ވިދާޅުވި އެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލަ ސަރުކާރުކާރުގެ ސަމާލުކަމަށް ގެނައުމަށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުމުން އެ މައްސަލަ ބަލައިގަތުމަށް ސަރުކާރަށް ތާއީދުކުރާ މެމްބަރުން ވޯޓު ނުދެއްވުމުން އެކަމާ ހިތާމަ ކުރައްވާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ތަޅުމަށް ކުއްލި މައްސަލަ ހުށަހެޅޭގޮތް ނުވުމުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް އައްޑޫގެ ކަރަންޓުގެ މައްސަލަ މިހާރު ހުށަހަޅާފައިވާ ކަމަށެވެ.