މަސްތުވާތަކެތީގެ މައްސަލަ ރާއްޖެއިން ހައްލުކުރުމަށް 15 އަހަރުގެ މުއްދަތެއް ނަގާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އުމަރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކޮންމެ ސަރުކާރަކުން ވެސް ދެމެހެއްޓެނިވި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

"އިއްޒަތްތެރި ރައީސް މަސްތުވާތަކެތީގެ މައްސަލައަކީ އެއްދުވަހުން ދެ ދުވަހުން ހަމަޖެއްސޭނެ ވަރުގެ ކަމެއް ނޫން. އަޅުގަނޑުގެ އަންދާޒާ އަކީ މިކަމަށް 15 އަހަރު ދުވަހުގެ މުއްދަތެއް ނަގާނެ. އަދި ކޮންމެ ސަރުކާރަކުން ވެސް ވަރަށް ސަސްޓެއިންޑް އެފަޓެއް މިއާދެކޮޅަށް ލަމުން ގެންދަން ޖެހޭނެ. އަޅުގަނޑު ވަޒީރުކަމާ ހަވާލުވި ފަހުން ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅާފައި ހުންނާނެ،" މިނިސްޓަރު އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އެއް އަހަރު ދުވަހުގެ ތެރޭގައި ނުހިންގާ ވަރަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މަސްތުވާތަކެތީގެ އޮޕަރޭޝަންތައް ހިންގައި، އަދި އެއް އަހަރު ދުވަހުގެ ތެރޭގައި ނުހޯދޭހާ ގިނަ މަސްތުވާތަކެތި ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މި ސަރުކާރުން ހޯދާފައިވާ ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލައަށް ބޮޑު ހައްލެއް ގެނައުމަށް ރާއްޖޭގައި ކުއްތާ ބޭނުންކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމުގެ ދަށުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުއްތާގެ ސްކޮޑެއް އެކުލަވާލުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.