16 Jul 2014, 14:32
އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެފްއޭއެމްގެ ކޮންގްރެސްގައި ރައީސް އިލްހާމް އަހުމަދާއި ނައިބު ރައީސް އަބްދުލް މުހްސިން ހަމީދު (ޖޭފޯ) މަގާމުން ވަކި ނުކުރެވޭނެ ކަމަށް އެފްއޭއެމްގެ މެމްބަރު ބައެއް ކްލަބުތަކުން ބުނެފި އެވެ.
ނަން ނުޖެއްސުމަށް ޝަރުތު ކޮށް، އެފްއޭއެމްގެ މެންބަރު 10 ކްލަބެއްގެ އިސް އޮފިޝަލުންތަކެއް 'ސަން'އަށް އިއްޔެރޭ ދިން އިންޓަވއުގައި ވިދާޅުވެފައި ވަނީ، އިލްހާމް އާއި ޖޭފޯ މަގާމުން ވަކި ކުރުމަށް މިމަހުގެ ކުރީ ކޮޅު 18 ކްލަބެއްގެ ސޮޔާއެކު ކްލަބް އީގަލްސްއިން އެފްއޭއެމަށް ހުށަހަޅާފައި ވީ ނަމަވެސް އެއީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމަކީ ސިޔާސީ ބޭނުމެއް ފުއްދުމަށް ބަޔަކު ގަސްތުގައި ކުރަން އުޅޭ ކަމެއް ކަމަށް އެ އޮފިޝަލުން ސަންއަށް ވިދާޅުވި އެވެ.
"އަހަރުމެން ވެސް ތިބުނާ 18 ކުލަބަކުން ސޮއިކުރި ގަނޑެއްއިގަ ސޮއި ކުރިން. އެކަން ކުރީ އެހެން ކްލަބުތަކުން ވެސް ސޮއި ކުރީމާ. ކޮންމެހެން އިލްހާމާއި ޖޭފޯ ބޭރުކުރާކަށެއް ނޫން ސޮއި ކުރީ. ސިއްރުވޯޓެއް ނެގިޔަސް އިލްހާމާއި ޖޭފޯ އަދިވެސް ތިބޭނީ ހަމަ މަގާމް ގައި،" އެފްއޭއެމްގެ މެންބަރު 10 ކްލަބެއްގެ އިސް އޮފިޝަލުން ބުންޏެވެ.
އީގަލްސް އިން އެފްއޭއެމަށް ހުށައެޅި އެ މައްސަލައިގައި ބުނެފައި ވަނީ ޖެނުއަރީ 26، 2013ގައި އިލްހާމާއި މުހްސިން އިންތިހާބުވި ފަހުން އެފްއޭއެމް ހުރިހާ ގޮތަކުން ވެސް އަޑިއަޅާލާފައިވާ ކަމަށާއި ކްލަބުތަކާއި ނުވަތަ ފުޓުބޯޅަ އާއިލާއާ އެކު އޮތް ގުޅުން ވެސް ކުޑަވެފައިވާ ކަމަށެވެ.
އެފްއޭއެމްގެ ހިންގާ ގަވައިދުގައި ބުނެފައިވަނީ އެފްއޭއެމުން މީހަކު ވަކިކުރެވޭނީ އިންސާފުވެރި ގޮތަކަށް ކަމަށެވެ. އަދި ވަކިކުރަން ހުށަހަޅާ ސަބަބުތައް އެޖެންޑާއާ އެކު އެފްއޭއެމްގެ މެމްބަރުންނަށް ފޮނުވަން ޖެހޭނެ ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ. އަދި ވަކިކުރުމުގެ ހުށަހެޅުމެއް ހުށަހަޅައިފި ނަމަ، ކޮންގްރެސް އިން ނުވަތަ އެގްޒެކެޓިވް ކޮމެޓީން އެކަމާ މެދު ގޮތެއް ނިންމާނީ ސިއްރު ވޯޓެއް ނަގައިގެން ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ. އެ ފަދަ ހުށަހެޅުމެއް ފާސްވުމަށް ހައްގު ވޯޓުގެ ތިން ބައިކުޅަ ދެބައި ވޯޓް އެކަމަށް ލިބެންޖެހޭ ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.
އަދި އެފްއޭއެމްގެ ހިންގާ ގަވާއިދުގެ 31 ވަނަ މާއްދާގައި ބުނެފައި ވަނީ، އެގްޒެކެޓިވް ކޮމެޓީގެ ރައީސާއި ނައިބު ރައީސާއި މެންބަރުންގެ މުއްދަތަކީ ހަތަރު އަހަރު ކަމަށެވެ. އެއިން މީހަކު އިތުރު ހަތަރު އަހަރުގެ ޓާމަކަށް އަލުން އިންތިހާބު ކުރެވިދާނެ ކަމަށް އެގަވާއިދުގައި ބުނެފައިވެ އެވެ.