16 Jul 2014, 13:43
ގދ. ތިނަދޫގެ އުތުރު ފަރާތް ހިމާޔަތް ކުރުމަށް ޖިއޯ ބޭގްސް (ތިމާވެށްޓަށް ގެއްލުން ކުޑަ ގޯނި) ޖަހައި އާޓިފިޝަލް ހޭޅިއެއް ލުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.
ގްލޯބަލް އެންވަޔަރްމެންޓް ފެސިލިޓީ ( ޖެފް)އިން ލިބިފައިވާ މާލީ އެހީގެ ތެރެއިން 35.5 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ހިންގާ އެމަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ތިނަދޫގެ އުތުރު ފަރާތް ހިމާޔަތް ކުރުމުގެ ގޮތުން ހިންގާ އެ މަޝްރޫއުގައި ހިމެނެނީ 950 މީޓަރުގެ ދިގު މިނުގެ ސަރަހައްދެއްގައި ޖިއޯ ބޭގްސް ޖަހާނެ ކަމަށް އެންވަޔަރްމެންޓް މިނިސްޓަރް ތޯރިގު އިބުރާހީމް ވިދާޅުވި އެވެ.
"... ގާތްގަނޑަކަށް 950 މީޓަރު ދިގު ސަރަހައްދެއްގައި ސޮފްޓް ކޯސްޓަލް ޕްރޮޓެކްޝަން މެޝާގެ ދަށުން ޖިއޯބޭގްސް ޖަހައި އަދި އޭގެ އެތެރެއަށްވާ ފަރާތުގައި އާޓިފިޝަލް ހޭޅިއެއް، 10 މީޓަރު ފުޅާ އާޓިފިޝަލް ހޭޅިއެއް ތައްޔާރުކޮށް އަދި އޭގެ އިތުރަށް ހޭޅީގެ އެތެރެ އަށް ޑްރައިނޭޖް ސިސްޓަމެއް ވެސް ލެވި ތައްޔާރު ކުރެވޭ ޕްރޮޖެކްޓެއް،" އެއްބަސް ވުމުގައި ސޮއިކުރެއްވުމަށް ފަހު މީޑިއާ ވާހަކަފުޅު ދައްކަވަމުން ތޯރިގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތިނަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ ޕައިލެޓް ޕްރޮޖެކްޓެއް (އަޖުމަ ބެލުމުގެ ޕްރޮޖެކްޓެއް) ކަމަށެވެ.
އެމްޓީސީސީއާ މަސައްކަތް ހަވާލުކުރުމަށް އެންވަޔަރްމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރް ތޯރިގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އިބުރާހީމް އަބުދުއް ރައްޒާގެވެ.