11 Jan 2011, 13:30
ޑީއާރުޕީގެ ސިޔާސަތުތައް ރާވައި އެކުލަވާލުމުގައި ފަންނީ ގޮތުން އެހީ ހޯދުމަށް ޓަކައި އަށް މެންބަރުންގެ އެޑްވައިޒަރީ ބޯޑެއް މިއަދު އިފުތިތާހުކޮށްފި އެވެ.
އެޑްވައިޒަރީ ބޯޑު އިފްތިތާހު ކުރުމަށް ނަސަންދުރަ ޕެލަސް ހޮޓަލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަށް ދާއިރާއަކުން ޑީއާރުޕީ އަށް އަމަލީ ގޮތުން އެހީތެރިވާނެ އަށް ބޭފުޅެއްގެ ނަން ވަނީ އިއުލާން ކޮށްފަ އެވެ.
އެ އަށް ބޭފުޅުންނަކީ އެޑްވައިޒާ އޮފް ހިޔުމަންރިސޯސަސްގެ ދާއިރާ އިން، އަދި ހިއުމަން ރިސޯސަސްގެ ދާއިރާ އިން ޕީއެޗުޑީ ހާސިލުކުރައްވާފައިވާ، ޑރ. މުހަންމަދު ސައުދު އާއި ހެލްތު ސާވިސަޒްގެ ދާއިރާ އިން، އައިޖީއެމްއެޗުގެ ކުރީގެ އެގްޒެކެޓިވް ޑައިރެކްޓަރު، ޑރ. މުހަންމަދު ސޯލިހާއި ކޮންސްޓްރަކްޝަންގެ ދާއިރާ އިން، އެމްޓީޑީސީގެ ކުރީގެ ބޯޑް މެންބަރު، ތޯރިގް އިބްރާހިމް އާއި ފޮރިން ސާވިސަސްގެ ދާއިރާ އިން، ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ނައިބު، އަބްދުލް ހަމީދު ޒަކަރިއްޔާ އާއި މީޑިޔާ އަދި ކޮމިޔުނިކޭޝަންގެ ދާއިރާ އިން، ޓީވީ މޯލްޑިވްސްގެ ކުރީގެ ޗީފް އެގްޒެކެޓިވް އޮފިސާ، އަލީ ހާލިދު އާއި ޕަބްލިކް އެންޓަޕުރައިސަޒްގެ ދާއިރާ އިން، އެމްޓީސީސީގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު، އިބްރާހިމް އާތިފް ޝަކޫރާއި ލޯ އެންޑް އޯޑާގެ ދާއިރާ އިން، ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް އަދި ސުކޫލް އެޑިޔުކޭޝަންގެ ދާއިރާ އިން، މޯލްޑިވްސް ކޮލެޖު އޮފް ހަޔާ އެޑިޔުކޭޝަންގެ ލެކްޗަރާ މުހުސިނާ މުހަންމަދެވެ.
~
ޑީއާރުޕީގެ ލީޑަރު ތަސްމީން އަލީ ވެސް ބައިވެރިވެ ވަޑައިގެންނެވި އެ ހަފުލާގައި އެޑްވައިޒަރީ ކައުންސިލް އެކުލާވާލި ގޮތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޑީއާރުޕީގެ ކައުންސިލް މެންބަރު ޑރ. އިބްރާހިމް ހަސަން (ޗަބީ) ވިދާޅުވީ އެ އަށް މެންބަރުން ލަފާދޭ ބޯޑަށް އައްޔަންކޮށްފައި ވަނީ ޑީއާރުޕީގެ ދެ ވަނަ ކައުންސިލްގެ 14 ވަނަ ޖަލްސާގެ ފުރިހަމަ ރުހުމާ އެކު ކަމަށެވެ. އޭނާ ވިދާޅުވީ މިއަދު އިފުތިތާހު ކުރި އެ ބޯޑުގެ ފަރާތުން ޑީއާރުޕީގެ ޕާލިމަންޓްރީ ގުރޫޕުގެ މަސައްކަތްތައް ކުރުމަމުގަ އާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކެންޑިޑޭޓުންގެ ސުޓްރެޓެޖީތައް އެކުލަވައި ލުމުގައި ފަންނީއެހީތެރިކަން ފޯރުކޮށް ދޭނެ ކަމަށެވެ.
"މިއަދަކީ ޑީއާރުޕީގެ ކުރިމަގު އުޖާލާ ވާނެ ކަމުގެ ފެހިސިގްނަލް ދޭ ދުވަސް. މިއަދު މި އިފުތިތާހު ކުރެވޭ ކައުންސިލްގެ ސަބަބުން ޑީއާރުޕީން މިކުރާ ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތުގައި ޑީއާރުޕީގެ މެންބަރުންނާއި އަދި ޑީއާރުޕީން ބޭރުގައި ތިއްބެވި ތައުލީމީ އަދި ގާބިލް ބޭފުޅުން ނަށް ވެސް ބައިވެރިވެ ވޭނެ،" ޗަބީ ވިދާޅުވި އެވެ.
ޑީއާރުޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ބައެއް މެންބަރުން ބައިވެރިވެ ވަޑައިގަތް އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ތަސްމީން ވިދާޅުވީ މިއަދު އިފުތިތާހު ކުރި އެޑްވައިޒަރުންގެ މަސައްކަތާ އެކު ސަރުކާރު ޒިންމާދާރު ކުރުމަށް މަޖިލީހުގެ ތެރެއިން ނާއި ބޭރުން އެކުލަވާލަން ޖެހޭ ޕޮލިސީތައް އެކަލަވައި ލުމުގައި އެ ބޭފުޅުންގެ ފުރިހަމަ އެހީތެރިކަން ޕާލިމަންޓުގެ މެންބަރުންނަށް ލިބިގެން ދާނެ ކަމަށާއި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރުމުގައި ވެސް އެ ބޭފުޅުންގެ ފުރިހަމަ އެހީތެރިކަން ލިބިގެން ދާނެ ކަމަށެވެ.
"...މިއަދު ސަރުކާރުގެ ވުޒާރާތަކުންނާއި އެހެނިހެން ގުނަންތަކުން ކުރަމުން އަންނަ ކަންތައްތައް ދެނެގަނެ އެކަމުން ކުރާ އަސަރު ރަނގަޅަށް ދިރާސާކޮށް ފަންނީ ގޮތުން ބަލަން ޖެހޭ ބެލުންތައް ބަލައި ސަރުކާރު ޒިންމާދާރު ކުރުވަން ކުރަން ޖެހޭ ކަންތައްތަކަށް މިއަދު އެކުލަވާ ލެވުނު ޕެނަލުގެ ސަބަބުން އިތުރު ދިރުމެއް ލިބިގެންދާނެކަމީ އަޅުގަނޑަށް ހަމަ ޔަގީންކަމެއް،" ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ މިއީ ޑީއާރުޕީގައި ތިއްބެވި ގާބިލު އަދި ހިވާގި ބޭފޫޅުންގެ ބޭނުން އޭގެ އެންމެ ހެޔޮ ގޮތުގައި ހިފުމަށް ޑީއާރުޕީން އެޅި ފުރަތަމަ ފިޔަވަޅު ކަމަށެވެ.
ތަސްމީން ވިދާޅުވީ ޑީއާރުޕީން ވަރަށް އަވަސް މުސްތަގުބަލެއްގައި ޒުވާން ތައުލީމީ ބޭފުޅުން ހިމެނިވަޑައިގަންނަވާ ޕޮލިސީ ތިންކް ޓޭންކެއް އުފައްދަވާނެ ކަމަށެވެ. އަދި ޕާޓީގެ މެންބަރެއް ކަމުގައި ނުވިނަމަ ވެސް ޕާޓީގެ ފިކުރާއި ގުޅުން ހުރި ކޮންމެ ބޭފުޅަކަށް ވެސް ޕާޓީގައި ހަރަކާތްތެރިވުމުގެ ފުރުސަތު އޮތް ކަމުގެ ޔަގީންކަން ވެސް ތަސްމީން ދެއްވި އެވެ.
"އަޅުގަނޑު ޔަގީންކޮށް އަރުވަން ބޭނުންވަނީ މި ޕާޓީއަކީ ދިނީ އިގްތިސޯދީ އަދި އިޖްތިމާއި ގޮތުން ހިދުމަތް ކުރައްވަން ބޭނުންފުޅު ބޭފުޅުންނަށް އެކަން ކުރުމުގެ ދޮރު ހުޅުވިފައިވާ ޕާޓީއެއްކަމުގެ ޔަގީންކަން." ތަސްމީން ވިދާޅުވި އެވެ.