ޗައިނާގެ އެގްޒިވް ބޭންކުން ނަގާ ލޯން އެހީގެ ދަށުން ދެކުނުގެ ހަތަރު އަތޮޅުގައި އިމާރާތް ކުރުމަށް ނިންމާފައިވާ 1500 ފްލެޓުން ބައެއް ހުޅުމާލެ އަށް ބަދަލު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ދެކުނުގެ ހަތަރު އަތޮޅުގައި އިމާރާތް ކުރުމަށް ނިންމާފައިވާ 1500 ފްލެޓުގެ ތެރެއިން 704 ފްލެޓް ހުޅުމާލެ އަށް ބަދަލު ކުރަން ފެންނަ ކަމަށް ވޯޓް ދެއްވާފައި ވަނީ 38 ބޭފުޅުންމެވެ. ނުފެންނަ ކަމަށް 31 ބޭފުޅުންނެވެ.

ދެކުނުގެ ހަތަރު އަތޮޅުގައި 1500 ހައުސިން ޔުނިޓް އަޅަން ޗައިނާގެ އެގްޒިމް ބޭންކުން 982،500،000 ޔުއާން ރެންމިންބީ (154.3 މިލިއަން ޑޮލަރު ނުވަތަ 2.4 ބިލިއަން ރުފިޔާ)ގެ ލޯނު ނެގުމުގެ ހުއްދަ ދީފައިވާ މަޝްރޫއަށް ގެންނަން ސަރުކާރުން ހުށަޅާފައިވާ ބަދަލަކީ ދެކުނުގައި އަޅަން ނިންމާފައިވާ 1500 ހައުސިން ޔުނިޓްތަކުގެ ތެރެއިން 704 ހައުސިން ޔުނިޓް ހުޅުމާލޭގައި އެޅުމުގެ ހުއްދަ ދިނުމަށެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ނެގުމަށް މަޖިލީހަށް ހުށަހެޅި 982،500،000 ޔުއާން ރެންމިންބީ (154.3 މިލިއަން ޑޮލަރު ނުވަތަ 2.4 ބިލިއަން ރުފިޔާ)ގެ ލޯނު އަށް ބަދަލު ގެނައުމަށް ރައީސް ޔާމީންގެ ސަރުކާރުން މަޖިލީހަށް ހުށަހެޅި މީ ދެ ވަނަ ފަހަރެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 29 ވަނަ ދުވަހު ވެސް ރައީސް ޔާމީން ވަނީ އެ ލޯނަށް ބަދަލު ގެނައުމަށް ހުށަހަޅުއްވާފަ އެވެ. އެހެން ނަމަވެސް އޭރުގެ މަޖިލީހުން ވަނީ ލޯނަށް ބަދަލު ގެންނަން ނުފެންނަ ކަަމަށް ފާސްކޮށްފަ އެވެ.

އެގޮތުން ޗައިނާގެ އެގްޒިމް ބޭންކުން ނަގާ ލޯނާއި ގުޅޭގޮތުން ނިމިދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ނިންމަވާފައިވާ ގޮތަށް ދެކުނުގެ ހަތަރު އަތޮޅު ކަމުގައިވާ އައްޑޫ ސިޓީ އާއި ފުވައްމުލަކާއި ގދ. އަތޮޅާއި ގއ. އަތޮޅުގައި 1500 ހައުސިން ޔުނިޓް އިމާރާތް ކުރުމަށެވެ.

ރައީސް ނަޝީދު ސަރުކާރުގެ ފަހުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ވަނީ ލޯނަށް އެބަދަލު ގެނައުމަށް މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އޭރު ވެސް މަޖިލީހުން ނިންމާފައި ވަނީ ކުރީގެ ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ގޮތަށް ލޯން ނެގުމަށް ހުއްދަ ދިނުމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ރައީސް ޔާމީން ފޮނުއްވާފައިވާ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ލޯނުތަކާ ގުޅިގެން ނިންމަން ޖެހޭ ކަންތައްތައް ނިންމުމުގެ ބާރު އޮންނަން ޖެހޭނީ ސަރުކާރަށް ކަމަށާއި އެހެން ގޮތަކަށް އެކަން އޮވެއްޖެ ނަމަ، ތަރައްގީގެ އަމާޒުތައް ހާސިލް ނުކުރެވޭނެ ކަމަށެވެ. އަދި ސަރުކާރުން ހެދި އެސެސްމަންޓުތަކަށް ފަހު ހައުސިން "ނީޑްސްތައް" އެންމެ ބޮޑަށް ބޭނުންވެފައި ވަނީ ހުޅުމާލެ އަށް ކަމަށާއި ދެކުނުގައި އަޅަން ނިންމާފައިވާ 1500 ހައުސިން ޔުނިޓްތަކުގެ ތެރެއިން 704 ހައުސިން ޔުނިޓް ހުޅުމާލޭގައި އެޅުމުގެ ހުއްދަ ދިނުމަށް އެދޭ ކަމަށެވެ.

އެގްޒިމް ބޭންކުން ނަގަން ހުށަހެޅި ލޯނަކީ 20 އަހަރު ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ހަލާސް ކުރާ ގޮތަށް ނަގާ ލޯނެކެވެ. ލޯނު ފައިސާ އެކީ ހަރަދުކޮށް ނިމުމުން ގްރޭސް ޕީރިއަޑްގައި އަހަރަކު 17.74 މިލިއަން ޔުއާން (2.3 މިލިއަން ޑޮލަރު ނުވަތަ 35.5 މިލިއަން ރުފިޔާ) އިންޓަރެސްޓްގެ ގޮތުގައި ދައުލަތުން ދައްކަން ޖެހޭނެ އެވެ. ލޯނު ދައްކާ ނިންމަން ޖެހޭ އަހަރު ކަމުގައިވާ 2033 ވަނަ އަހަރާ ހަމަޔަށް 183.14 މިލިއަން ޑޮލަރު (2.8 ބިލިއަން ރުފިޔާ) ދައުލަތުން ދައްކަންޖެހޭނެ އެވެ.