ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ފޯރުކޮށްދެމުން ގެންދާ ކުންފުންޏެއް ކަމަށްވާ އުރީދޫ އިން ރާއްޖޭގެ އިތުރު 64 ރަށަކަށް ތްރީޖީ ޕްލަސް ނެޓްވޯކް ފުޅާކުރަން ނިންމައިފި އެވެ.

ނެޓްވޯކް އިތުރަށް ފުޅާކުރުމުގެ ޕްރޮޖެކްޓާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ސޯލްޓް ރެސްޓޯރަންޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުރީދޫގެ ސީއީއޯ ވިކްރާމް ސިންހާ ވިދާޅުވީ ނެޓްވޯކް މޮޑަނައިޒޭޝަން ޕްރޮޖެކްޓްގެ ދަށުން އިތުރު 64 ރަށެއްގައި އުރީދޫގެ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ތްރީޖީ ޕްލަސް ނެޓްވޯކް ލިބޭނެ ކަމަށާއި އެ ރަށްތަކާ އެކު ދިވެހި ރާއްޖޭގެ އާބާދީގެ 95 އިންސަންތަ އަށް އުރީދޫގެ ތްރީޖީ ޕްލަސް ނެޓްވޯކް ލިބޭނެ ކަމަށެވެ.

"އެއީ އޮންލައިން އެޑިއުކޭޝަނާއި އޮންލައިންކޮށް ވިޔަފާރި ފުޅާކުރުން ވިޔަސް ނޫނީ އެންމެ މަގުބޫލު ހިނދުކޮޅުތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރުން ކަމުގައި ވިޔަސް އެކަމަށް ނެޓްވޯކް ބޭނުންވޭ. އުރީދޫ އަކީ އެކަމަށް ގާބިލް ނެޓްވޯކް. އަޅުގަނޑުމެން ފަހުރުވެރިވަން ތްރީޖީ ޕްލަސް ނެޓްވޯކް ފުޅާކޮށް އެންމެނާ ހަމައަށް ގެނެސްދެވޭތީ." އުރީދޫގެ ސީއީއޯ ވިކްރާމް ސިންހަ ވިދާޅުވި އެވެ.

އުރީދޫ އިން ތްރީޖީ ޕްލަސް ނެޓްވޯކް ފުޅާ ކުރަނީ އއ. އދ. އަތޮޅުގެ ބައެއް ރަށްރަށާއި ބ. ދ. ފ. ގއ. ގދ. ހއ. ހދ. ކ. ލ. މ. ނ. ރ. ށ. ތ. އަދި ވ. އަތޮޅުގެ ބައެއް ރަށް ރަށަށެވެ.

އުރީދޫ އިން ބުނީ އުރީދޫ އިން ގަބޫލުކުރަނީ އުރީދޫގެ ހިދުމަތްތައް މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުން އިތުރަށް ފުޅާކުރެވިދާނެ ކަމަށާއި އުރީދޫގެ އަމާޒަކީ ދިވެހިންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީ މެދުވެރިކޮށް ދިވެހި ރާއްޖެ އިތުރަށް ފުޅާކޮށްދިނުން ކަމަށެވެ. އެގޮތުން މިހާރު ފަށާފައިވާ ޕްރޮޖެކްޓްގެ މަސައްކަތް މި އަހަރު ސެޕްޓެމްބަރުގައި ނިމޭނެކަމުގައި ލަފާކުރެވޭ ކަމަށް އުރީދޫ އިން ބުނެ އެވެ.

ތްރީޖީ ޕްލަސް ނެޓްވޯކް އިތުރު 64 ރަށަކަށް ފުޅާކޮށް އާބާދީގެ 95 އިންސައްތަ އަށް ހިދުމަތް ފޯރުކޮށްދޭ އިރު އުރީދޫ ފޯޖީ ނެޓްވޯކް އިތުރަށް ފުޅާކުރަން ކުރިޔަށް އޮތްތާގައި މަސައްކަތް ކުރާނެ ކަމަށް އުރީދޫ އިން ބުނެ އެވެ.