ދ. ކުޑަހުވަދޫގައި ދިރިއުޅޭ އެ އަތޮޅު ވާނީ ރައްޔިތުންނަށް އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ ނަރުދަމާ ގާއިމް ކުރުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް އެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު ސޮއި ކުރި އެއްބަސް ވުމުގެ ދަށުން ވާނީ ރައްޔިތުންނަށް ކުޑަހުވަދޫގައި އިމާރަތް ކުރި 53 ހައުސިން ޔުނިޓްގައި ކަރަންޓާއި ނަރުދަމާގެ މަސައްކަތް 120 ދުވަސް ތެރޭ ނިންމަންޖެހޭނެ ކަމަށެވެ. ނަމަވެސް އެއަށް ވުރެ ކުރިން އެ މަސައްކަތް ނިންމޭނެ ކަމަށް ފެނަކައިން މައުލޫމާތު ދީފައިވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. ސަރުކާރު ބަޖެޓުން ހަރަދު ކުރާ ގޮތަށް ގާއިމު ކުރި އެއްބަސްވުމުގެ އަގަކީ 4.01 މިލިއަން ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފެނަކައިން ބުނީ އެއްބަސްވުމުގައި ސޮއި ކުރާ ހިސާބުން ފެށިގެން އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

ވާނީގައި ދިރިއުޅޭ ހުރިހާ ރައްޔިތުން މިހާރު ވަނީ ކުޑަހުވަދުއަށް ބަދަލުވެފަ އެވެ. އަދި ވާނީ ރައްޔިތުންނަށް ވަކިން ދިރިއުޅޭނެ ގެތަކެއް އެ ރަށުގައި ނެތުމުން ދިރިއުޅެމުން ގެންދަނީ ކުއްޔަށެވެ. ކުޑަހުވަދޫގައި އަޅާ ގެތައް ރައްޔިތުންނާ ހަވާލު ކުރުމުން ވާނީ ރައްޔިތުން ކުޑަހުވަދުއަށް ބަދަލު ކުރުމުގެ މަސައްކަތް އެއްކޮށް ނިމިގެންދާނެ އެވެ.

"ގެތައް ސަރުކާރުން އަޅައިދީ ނުނިމޭތީ ގޭގޭގައި ކުއްޔަށާއި އެކި ގޮތް ގޮތަށް އުޅެމުންދަނީ. ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދިނުމަށް ސަރުކާރުން މި މަސައްކަތްތައް މިކޮށްދެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަހުމަދު އާމިރު ވިދާޅުވީ 2004 ވަނަ އަހަރުގެ ސުނާމީ އާ ގުޅިގެން ލިބުނު ގެއްލުންތަކަށް ފަހު ވާނީ ރައްޔިތުން ދިރިއުޅެމުން ދަނީ ވަރަށް ހާލުގައި ކަމަށެވެ. އަދި ވާނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އަޅާފައިވާ 53 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމުމަކީ ސަރުކާރުން އެންމެ އިސްކަން ދީގެން ކުރަމުން އަންނަ އެއް މަސައްކަތް ކަމަށެވެ.

އާމިރު ވިދާޅުވީ ވާނީ ރައްޔިތުން ކުޑަހުވަދޫގައި ދިރިއުޅެމުން ގެންދާތީ އެލަވެންސެއް ސަރުކާރުން ދެމުން އަންނަ ކަމަށެވެ. އަދި ހައުސިން ޔުނިޓްތަކުގެ މަސައްކަތް ނިމި ކުރިއަށް އޮތް ހަތަރު މަހެއްގެ ތެރޭގައި އެތަންތަން ރައްޔިތުންނާ ހަވާލު ކުރުމުން މިހާރު ދެމުން އަންނަ އެލަވަންސް ދިނުން ހުއްޓާލުމުން ދައުލަތުގެ މާލިއްޔަތަށް ވެސް ލުޔެއް ލިބިގެންދާނެ ކަމަށެވެ.