އާންމުގެ ތެރެއިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކުރިމަތިލެއްވި ހަތަރު ބޭފުޅުންގެ ނަންފުޅު އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް މިއަދު ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން ކުރި އިއުލާނަކާ ގުޅިގެން ޖޭއެސްސީގެ މެންބަރު ކަމަށް ކުރުމަތި ލެއްވި ހަތަރު ބޭފުޅުންނަކީ ގ. މާލޭހިޔާ (2-1503) ހުޝާމް ވަޙީދު، ގ. ތަރިޖެހިގެ ޒޫނާ މުޙައްމަދު، ގ. ޕާކްވިޔު ޢަބްދުލްޙަންނާން އަޙްމަދު އަދި ވ. ވިލިވިލާ އިބްރާހީމް އަޙްމަދު އެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން ޖޭއެސްސީގައި އާންުމު ރައްޔިތުންގެ ތަމްސީލް ކުރާނެ މެންބަރަކު އިންނަން ޖެހޭނެ އެވެ. އަދި ޖޭއެސްސީގެ ގާނޫނު ބުނާ ގޮތުން އާންމުންގެ ތެރެއިން ޖޭއެސްސީގައި އިންނާނެ މެންބަރަކު ކަނޑައަޅަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުން އެކަމަށް އިއުލާންކޮށް ކުރިމަތިލާ މީހުންގެ ތެރެއިން ރައްޔިތުުންގެ މަޖިލީހުގެ އަގްލަބިއްޔަތުން ފާސްވާ ބޭފުޅެކެވެ.

އެ މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތަކީ ހައްދެއް ކަނޑައަޅާފައިވާ ކުށެއް، ހިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމާއި ބުއްދި ސަލާމަތުން ހުރި 25 އަހަރުވެފައިވާ މީހަކަށް ވާންޖެހޭނެ އެވެ.

އާންމު ރައްޔިތުން ތަމްސީލް ކުރެއްވުމަށް ޖޭއެސްސީގައި މިހާރު ހުންނެވީ ޝޭޙް ޝުއިބް އަބްދުއްރަހްމާނެވެ.