16 Jul 2014, 12:52
ދިވެހި ރާއްޖޭގައި މިނިވަން ވިޔަފާރި ސަރަޙައްދުތައް ކަނޑައެޅުމަށް ޓަކައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި"ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލް" ދިރާސާކޮށް ނިންމުމުގެ ސުންގަޑިއަކީ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަސް ކަމަށް އެ ބިލް ދިރާސާކޮށް ނިންމުމަށް އިގްތިސާދީ ކަންކަމުގެ ކޮމިޓީން މިއަދު ކަނޑައަޅައިފި އެވެ.
މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ކޮމެޓީން ނިންމާފައި ވަނީ އެ ބިލް ދިރާސާ ކުރުމުގެ މަރުހަލާގައި ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކެއްގެ ހިޔާލު ހޯދުމަށެވެ. އެގޮތުން ދައުލާތުގެ ހުރިހާ މުއައްސަސާތަކަށާއި ރާއްޖޭގެ ވިޔަފާރީ ޖަމިއްޔާ ޖަމާޢަތްތަކަށް ސިޓީ ފޮނުވުމަށް ކޮމެޓީން ވަނީ ނިންމައިފަ އެވެ. އަދި ބިލަށް ހިޔާލް ފޮނުވުމަށް މިއަދުން ފެށިގެން 20 ދުވަސް ދިނުމަށް ވެސް ކޮމެޓީން ވަނީ ނިންމާފަ އެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އެ ބިލް ބަލައިގަންނަން ފެނިވަޑައިގަންނަވާ ކަމަށް ވޯޓް ދެއްވީ 46 މެންބަރުންނެވެ. ބަލައިގަންނަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓް ދެއްވީ 16 މެންބަރުންނެވެ.
ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ޙުސައިން މަނިކު ހުށަހަޅުއްވި ބިލްގެ މަގުސަދު ކަމުގައި ބުނެފައި ވަނީ ދިވެހި ރާއްޖޭގެ މިނިވަން ވިޔަފާރި ސަރަޙައްދުތައް ކަނޑައަޅައި އެ ޒޯންތައް ހިންގާނެ ގޮތްތަކާއި އެ ޒޯންތަކުގައި އިންވެސްޓްކުރުމާ ގުޅޭ އުސޫލުތައް ބަޔާން ކުރުން ކަމަށެވެ. އަދި އެ ޒޯންތައް ތަރައްގީކުރާ ޑިވެލޮޕަރުންނާއި އެ ޒޯންތަކުގައި އިންވެސްޓްކުރާ ފަރާތްތަކަށް ދެވޭ އިނާޔަތްތައް ބަޔާންކުރުމަށާއި އެނޫން ވެސް އުސޫލުތައް ކަނޑައެޅުމަކީ ވެސް އެފަދަ ބިލެއް ހުށަހެޅުއްވުމުގެ މަގްސަދު ކަމަށެވެ.
އިގްތިސާދީ ސަރައްދުތަކެއް ކަނޑައެޅުމާ ބެހޭ ބިލްގެ ބަހުސްގައި އެ ބިލް މަޖިލީހަށް ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރައްވާ ނިހާން ވިދާޅުވީ ކޮރަަޕްޝަން ހުއްޓުވުމާ ގުޅޭ ގޮތުން ރާއްޖެ އިން ބައިވެރިވެފައިވާ ބައިނަލް އަގުވާމީ މުއާހަދާތަކާ ހިލާފަށް އިގުތިސާދީ އެއްވެސް ސަރަހައްދެއް ބަޔަކަށް ދީފި ނަމަ އެބައެއްގެ އަތުން އެ ސަރައްދެއް އަތުލެވޭނެ ކަމަށް އެ ބިލްގައި ހިމަނާފައިވާ ކަމަށެވެ.
"މިކަހަލަ ވަރަށް ބޮޑެތި ފްރީ ޒޯނެއް އެކުލަވާލާ އިރު ކޮރަޕްޝަނުގެ ފަސާދަ އެކުލެވިގެންދާނެ ކަމަށް ބައެއް ފަރާތްތަކުން ފެތުރި. އަޅުގަނޑު ދަންނަވާނީ މިއަށް ވުރެ ކުރިއަކުން މިފަދަ އެއްވެސް ކަމެއްގައި މިރާއްޖޭގައި މިފަދަ ގާނޫނެއް، މިފަދަ މުހިންމު ނުކުތާތަކެއްގެ މައްޗަށް ރިއާޔަތްކޮށް. އަދި ބައިނަލްއަގުވާމީ ކޮންވެންޝަނަކާ އެއްގޮތަށް ނިންމުމަށް ޓަކައި ބިލެއް ހުށަހަޅާފައިނުވާނެ،" ނިހާން ވިދާޅުވި އެވެ.
ނަމަވެސް އެބިލާ މެދު މަޖިލީހުގައި ބަހުސް ކުރިއަށް ގެންދިޔަ އިރު އެ ބިލަކީ ކޮރަޕްޝަނަށް މަގުފަހިވެގެން ދާނެ ބިލެއް ކަމަށް ސަރުކާރާ އިދިކޮޅު މެމްބަރުން ދިޔައީ ވިދާޅުވަމުންނެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެ ބިލަކީ ރާއްޖޭގެ އިގުތިސާދަށް އެއްވެސް ފައިދާއެއްކުރާނެ ބިލެއް ނޫން ކަމަށެވެ. އަދި އިގްތިސާދީ ވަކި ސަރައްދުތައް ފަސޭހައިން ދައުލަތަށް ނުނެގޭނެ ގޮތަށް އޮތުމަކީ އޭގެ ގެއްލުންވާނެ ކަމެއްގެ ގޮތުގައި ވެސް ޝަރީފް ވަނީ ފާހަގަކުރައްވައިފަ އެވެ.
"ސުޕެޝަލް އިކޮނަމިކް ޒޯންތައް ވެސް ހަދަން އެބަޖެހޭ. ސުޕެޝަލް އިކޮނަމިކް ޒޯންއިން ކުރާނެ ކަންތައްތަކެއް، ކުރާނެ ވިޔަފާރީގެ ބާވާތްތަކާއި އޭގެ ހުދޫދުތަކާއި އަޅުގަނޑުމެންގެ ދައުލަތަށް ނެގެނީ ކިހާވަރެއްގެ ކުއްޔެއްކަން މި ބިލުގައި ކަނޑައަޅަން އެބަޖެހޭ،" ޝަރީފް ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި "ސްޕެޝަލް އިކޮނަމިކް ޒޯން"ގެ ބިލުން ހާސިލު ކުރަން ބޭނުންވާ ކަންކަމުގެ ތެރޭގައި ދިވެހި ރާއްޖޭގެ އިގްތިސާދީ ހަރަކާތްތެރިކަން އިތުރުކުރުމާއި ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި ޒޯންތަކެއް ކަނޑައެޅުން ހިމެނެ އެވެ. އަދި ދިވެހި ރާއްޖޭގައި ކުރާ އިންވެސްޓްމެންޓްތައް އިތުރުކުރުމާއި އެ އިންވެސްޓްމެންޓްތައް މެދުވެރިކޮށް ދިވެހި ރާއްޖެ އަށް ލިބޭ ބޭރު ފައިސާ އިތުރުކުރުމަކީ ވެސް އެ ބިލުން ހާސިލުކުރަން ބޭނުންވާ މަގުސަދު ކަމަށް ބިލްގައި ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން އިލްމާއި ހުނަރާއި ޓެކްނޮލޮޖީ ރާއްޖެ އަށް ނަގުލުކުރުވުމާއި ވަޒީފާގެ ފުރުސަތުތައް އުފައްދައި ފުޅާކުރުމާއި އަދި މުދަލާއި ހިދުމަތް އުފެއްދުން އިތުރުކޮށް އާލާކުރުމަކީ ވެސް އެ ގާނޫނުގެ މަގުސަދެއް ކަމަށް ބިލްގައި ބުނެފައިވެ އެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލުގައި ބުނެފައިވާ ގޮތުން ޒޯންތައް ތަރައްގީ ކުރުމާއި އެ ޒޯންތަކުގައި އިންވެސްޓް ކުރުމާ ގުޅޭ އުސޫލްތައް ކަނޑައެޅުމާއި އެ ޒޯންތަކުގެ ޑިވޮލަޕަރުންމާއި އެ ޒޯންތަކުގައި އިންވެސްޓްކުރާ އިންވެސްޓަރުންގެ މުދަލަށް ދެވޭހިމާޔަތް ކަނޑައެޅުމާއި އެ ޒޯންތަކުގެ ޑިވަލޮޕަރުންނާއި އެ ޒޯންތަކުގައި އިންވެސްޓްކުރާ އިންވެސްޓަރުންނަށް ދެވޭ އިންޔާތައް އެ ގާނުނުގެ ދަށުން ކަނޑައެޅިގެންދާނެ އެވެ.