ރަޝިއާ ކްލަބު، ރުބިން ކަޒާންގެ ފްރާންސް މިޑްފީލްޑަރު ޔާން އެމްވިލާ، އެއް އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގައި އިންޓަ މިލާނަށް ސޮއިކޮށްފި އެވެ.

ޑިފެންސިވް މިޑްފީލްޑަރެއްގެ މަގާމަށް ކުޅޭ އެމްވިލާ ހޯދަން އެންމެ ބޮޑަށް މަސައްކަތްކުރީ ޕްރިމިއާ ލީގުގެ ކްލަބުތަކުންނެވެ. ނަމަވެސް މިހާރު އިންޓައިން ވަނީ ލޯނުގެ އެއްބަސްވުމެއްގައި އެމްވިލާ ސޮއިކޮށްފައިވާކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ފްރާންސްގެ ރެނޭސްއިން ރުބިން ކަޒާންއާ ގުޅުނު އެމްވިލާ ވަނީ މިދިޔަ ހަފްތާގައި އިންޓަގެ ޖާޒީގައި ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. އެމްވިލާ ހޯދަން އިންޓައިން މަސައްކަތް ފެށީ އާޖެންޓީނާ މިޑްފީލްޑަރު އެސްޓެބަން ކެމްބިއާސޯ އެކްލަބު ދޫކޮށްލުމާ ގުޅިގެންނެވެ.

މިދިޔަ ސީޒަނުގައި އެމްވިލާގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިފައި ނުވާތީ މި އަހަރުގެ ފްރާންސްގެ ވޯލްޑް ކަޕް ސްކޮޑުގައި އޭނާ ހިމަނާފައެއް ނުވެ އެވެ. އުމުރުން 24 އަހަރުގެ އެމްވިލާ ވަނީ ފްރާންސް ގައުމީ ޓީމަށް 22 މެޗު ކުޅެފަ އެވެ.