އެތެރެކުރުން މަނާ ސައިކަލްތައް ރާއްޖެ އެތެރެކުރަން މަސައްކަތް ކުރާ މިންވަރު މިހާރަކަށް އައިސް އިތުރުވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސްގެ ސީނިއާ ސްޕްރިންޓެންޑެންޓް އަހުމަދު ނިޔާޒް މިއަދު "ސަން" އަށް ވިދާޅުވީ، އެފަދަ ސައިކަލްތައް ރާއްޖެ އަށް އެތެރެކުރުމަށް މިހާރަކަށް އައިސް މަސައްކަތްކޮށްފައިވާ ކަމަށާއި އެގޮތުން މިދޭތެރެ އަކުން އެގޮތަށް އެތެރެކުރަން މަސައްކަތްކުރި ހަ ސައިކަލެއް ކަސްޓަމްސް އިން ހިފަހައްޓާފައިވާ ކަމަށެވެ.

"އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދު" އާއި "އެއްގަމު އުޅަނދުގެ ރޯޑްވާދިނަސް ޓެސްޓް ހެދުމުގެ ގަވާއިދު"ގައި ބުނެފައިވާ ގޮތުން އުފެއްދި ތާރީހުން ފެށިގެން ތިން އަހަރަށް ވުރެ އިތުރުވެފައިވާ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލް އަދި ބޭނުންކޮށްފައި ހުންނަ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލްގެ ތެރެއިން އިންޖީނު ކެޕޭސިޓީ 150 ކޮޑި ސެންޓި މީޓަރުން ފެށިގެން ދަށުގެ އުޅަނދަކީ ރަޖިސްޓްރީ ކޮށްނުދެވޭނެ އުޅަނދުކަމަށާއި މިގޮތުން ރާއްޖެ އަށް އެތެރެކޮށްގެން ނުވާނެ އުޅަނދުކަމަށް ބުނެފައިވެ އެވެ.

ކަސްޓަމްސް އިން މިއަދު ބުނެފައި ވަނީ އެއްގަމު އުޅަނދާ ބެހޭ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަންކަން ހަނދުމަފުޅުކޮށް އަރުވާކަމަށާއި އަދި ރާއްޖެ އަށް ސައިކަލް ގެންނަވާ ފަރާތްތަކުން އެތަކެތި ރާއްޖެ އަށް އެތެރެކުރެއްވުމުގެ ކުރިން އެތަކެއްޗަކީ އިސްވެ ދެންނެވުނު ގަވާއިދުތަކުގައިވާ މިންގަނޑުތަކާ ހިލާފުނުވާ ތަކެތިކަން ކަށަވަރު ކުރެއްވުމަށް ވެސް އިލްތިމާސް ކުރާ ކަމަށެވެ.