މިދިޔަ މެއި މަހު އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާ އެކު ހަދާފައިވާ އެއްބަސްވުން އާކުރި އެ ކްލަބުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އިސްތިއުފާ ދީފި އެވެ.

ޔުވެންޓަސްއާ 2011 ވަނަ އަހަރު ހަވާލުވި ކޮންޓޭ ވަނީ މިދިޔަ ސީޒަނުގެ އިޓާލިއަން ސެރީއާ ކާމިޔާބުކޮށްދިނުމަށް އެކްލަބަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ. މިދިޔަ ސީޒަނުގެ އިޓާލިއަން ސެރީއާއަކީ ޔުވެންޓަސްއިން ޖެހިޖެހިގެން ހޯދި ތިންވަނަ ލީގު ތައްޓެވެ. ޔުވެންޓަސްއާ އެކު ހަދާފައިވާ އެއްބަސްވުން މިދިޔަ މެއި މަހު ކޮންޓޭ އާކުރީ 2015 ވަނަ އަހަރާ ހަމައަށް އެކްލަބުގައި ދެމި ހުރުމަށެވެ.

"ޔުވެންޓަސްއާ އެކު އަހަރެން ހަދާފައިވާ އެއްބަސްވުން އުވާލަން ނިންމައިފިން،" ޔުވެންޓަސްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ކޮންޓޭ ބުންޏެވެ. "އަހަރެން މި ނިންމުން ނިންމާފައި ވާނީ ވަރަށް ބޮޑަށް ވިސްނާފައި. ކުރިއަށް އޮތްތާ ޔުވެންޓަސްއާ އެކު އިތުރު ކާމިޔާބުތަކެއް ހޯދުމަށް ހުރަސްތަކެއް އެބަހުރި."

އިޓަލީގެ މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި، ޔުވެންޓަސްގެ ކޯޗުކަމުން ކޮންޓޭ ވަކިވެފައި ވަނީ ހުސްވެފައިވާ އިޓަލީ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވާން ކަމަށެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ކޮންޓޭ ވަނީ ޔުވެންޓަސް އަދި އިޓަލީ ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ. ޔުވެންޓަސްއަށް ކުޅުނު މިޑްފީލްޑަރު ކޮންޓޭ އެކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދި އިރު، ގައުމީ ޓީމާއެކު އޭނާ ވަނީ 1994 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ރަނަރަޕް މަގާމު ހޯދައި 2000 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރަނަރަޕްކަން ހޯދައިފަ އެވެ.