އިގުތިސާދީ ގޮތުން ބާރަށް ކުރިއަރަމުން އަންނަ ބްރެޒިލްއާއި ރަޝިޔާއާއި ޗައިނާއާއި އިންޑިއާ އާއި ސައުތު އެފްރިކާ ގުޅިގެން ބޭންކަކާއި ފައިސާގެ ރިޒާވެއް އުފައްދައިފި އެވެ.

ދުނިޔޭގެ މާލީ ކަންކަން މިހާރު ކޮންޓްރޯލް ކުރަމުން އަންނަ، ހުޅަނގުގެ ނުފޫޒު ގަދަ މާލީ ދެއިދާރާ ކަމަށްވާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއި ވޯލްޑް ބޭންކްގެ ފަދައިން މަސައްކަތް ކުރަން ބްރިކްސް އިން ބޭންކަކާއި މާލީ ރިޒާވެއް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ބްރެޒިލްގައި މިހާރު ކުރިއަށްދާ ބްރިކްސް ސަމިޓްގަ އެވެ. އެ އެއްބަސްވުމުގައިވާ ގޮތުން ބޭންކާއި ރިޒާވް އުފެއްދީ މުސްތަގުބަލުގައި ކުރިމަތިވެދާނެ މައްސަލަތަކުން ސަލާމަތް ވުމަށް ކަމަށެވެ.

ބްރިކްސް އިން އުފެއްދި ބޭންކް އަންނަ އަހަރު ހިނގައި ގަންނަ އިރު އެ ބޭންކުގައި ފަސް ގައުމުގެ ހިއްސާ ކުރާ 50 ބިލިޔަން ޑޮލަރުގެ ކެޕިޓަލެއް އޮންނަ ގޮތަށެވެ.

ދުނިޔޭގެ އާބާދީގެ ބޮޑު ބައެއް އޮންނަ ޗައިނާގެ ވިޔަފާރީގެ މަރުކަޒީ ރަށް ޝަންހާއީގައި ގާއިމްކުރާ ބޭންކު ފުރަތަމަ އަހަރު ހިންގާނީ އިންޑިއާ އިން ކަމަށް ރޮއިޓާސް ބުންޏެވެ.

ރިޒާވް ފަންޑް ކޮންޓިންޖެންޓް ރިޒާވް އެރޭންޖްމަންޓްގައި 100 ބިލިއަން ޑޮލަރު ހިމަނަން ނިންމާފައިވާ އިރު އެ ފަންޑަށް އެންމެ ބޮޑު ހިއްސާއެއް ދީފައި ވަނީ ޗައިނާއިންނެވެ. އެއީ 41 ބިލިއަން ޑޮލަރެވެ. ބްރެޒިލާއި އިންޑިއާ އަދި ރަޝިއާ އިން، ކޮންމެ ގައުމަކުން 18 ބިލިއަން ޑޮލަރުދޭ އިރު ސައުތު އެފްރިކާ އިން ދޭނީ ފަސް ބިލިއަން ޑޮލަރެވެ.

ބްރިކްސްގެ ބޭންކާއި ފަންޑުގެ މަސައްކަތް ރަސްމީކޮށް ފެށޭނީ އެ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުން ރުހުން ދިނުމަށް ފަހުގަ އެވެ.