16 Jul 2014, 11:48
އައްޑޫ ސިޓީގައި އިތުރު 15 ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ މިހާތަނަށް އައްޑޫ ސިޓީގައި ފަސް ސީސީޓީވީ ކެމެރާ ހަރުކުރެވިފައިވާ ކަމަށާއި އިތުރު 15 ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އައްޑޫ އަކީ ކުށް މަދު އަމާންތަނަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ވަނީ ފެށިގައި. ފަސް ކެމެރާ މިހާރު އޮޕަރޭޝަނަލް ކޮށް މަސައްކަތް ކުރަމުންދާނެ. އަދި އިތުރު 15 ކެމެރާ ހަރުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުން ދަނީ،" މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ އައްޑޫގެ މަގުތަކަކީ އެންމެންނަށް ވެސް އަމާންތަނަކަށް ހެދުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން މިދިޔަ ޖޫން މަހުގެ ނުވަ ވަނަ ދުވަހު އެ ސިޓީގައި ޓްރެފިކް ޕޮލިސް ގާއިމްކޮށްފައިވާނެ ކަމަށެވެ. އަދި ޓްރެފިކް ޕޮލިސްގެ ފަރާތުން މަގުތައް އަމާންކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ މިހާރަށްވުރެ ބޮޑަށް އައްޑޫގައު ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން މަރަދޫ ފޭދޫގައި ޕޮލިސް ޕޯސްޓެއް ގާއިމް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.
އައްޑޫ ސިޓީގެ ހުޅުމީދޫގައި އަލަށް އިމާރާތްކުރާ ދެ ބުރި ޕޮލިސްޓޭޝަނާއި ތިން ބުރި އެކަމޮޑޭޝަން އިމާރާތުގެ މަސައްކަތް މިހާރު ނިމިފައި ކަމަށާއި އަންނަ އޯގަސްޓު މަހުގެ ތެރޭގައި އެތަނުގެ ޚިދުމަތް ދެވޭ ވަރުވާނެ ކަމަށް މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު އައްޑޫ ސިޓީގައި ހުޅުޖަހާލި އިމާރާތްތަކުގެ ތެރެއިން ޕޮލިސް ޓްރޭނިން މަރުކަޒު އިމާރާތް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ވަރަސް ގިނަ އިމާރާތްތަކުގައި ހުޅުޖަހައި ރޯކޮށްލެވިފައިވޭ. އެތަންތަން އަލުން މަރާމާތު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިގެންދަނީ ކުރަމުން. އަޅުގަނޑުމެންގެ ފުދުންތެރިކަން ހުރި މިންވަރުން. ޚާއްސަކޮށް ދަންނަވާލަން ޕޮލިސް ޓްރޭނިސް މަރުކަޒުގައި ވެސް ވަނީ ރޯކޮށްލެވިފައި. މިހާރު އެ މަރުކަޒު އައްޑޫގައި ގާއިމްކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. އެކަމަށް ބޭނުންވާ ކުރެހުންތަކާއި އެކަމަށް ބޭނުންވާ ބިން ހޯދުމާއި މިކަންކަމުގެ މަސައްކަތް އެބަ ކުރިއަށް ދޭ،" އުމަރު ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއީލް ކުރެއްވި ސުވާލުގެ ޖަވާބުގައި ހޯމްމިނިސްޓަރު އުމަރު ވިދާޅުވީ ރައީސް ޔާމީނަކީ ގޭންގުތަކާ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫން ކަމަށެވެ.
"އިއްޒަތްތެރި ރައީސް އެ ސުވާލުގެ ޖަވާބުގައި ދަންނަވާނީ ރައީސް އަބްދުﷲ ޔާމީނަކީ އެއްވެސް ގޭންގަކާ ގުޅުން ހުރި މީހެއް ނޫން،" ރައީސް ޔާމީނާ ކްރިމިނަލް ގޭންގުތަކާ ގުޅުން އޮންނަ ކަމަށް، އެކިއެކި ފޯރަމް ތަކުގައި ދެކެވޭ ވާހަކަތަކުގެ ހަގީގަތަކީ ކޮބައިތޯ ސުވާލުކުރެއްވުމުން އުމަރު ވިދާޅުވި އެވެ.