11 Jan 2011, 12:46
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތޮފާގެ ކުންފުންޏަކުން މާލޭގައި ހިންގާ ރެސްޓޯރެންޓެއް ކަމަށްވާ "މރ. ޗިކޯ" އިން ސަރުކާރަށް ދައްކަން ޖެހޭ ކުލި ނުދައްކާތާ ދެ އަހަރުވެ، ކުށްޔާއި ޖޫރިމަނާ ފައިސާ، 4.3 މިލިޔަން ރުފިޔާ އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް މާލޭ މުނިސިޕަލްޓީން ބުނެފި އެވެ.
މރ. ޗިކޯ ނަމުގައި އާޓިފިޝިލް ބީޗުގައި މުސްތޮފާ ހިންގާ ރެސްޓޯރެންޓް، އޭނާ ކުއްޔަށް ނަންގަވާފައި ވަނީ "ޔުނައިޓެޑް ފެމިލީ ޕްރޮޕެޓީސް ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގަ އެވެ.
މުސްތޮފާގެ ބޮޑު ހިއްސާ އޮންނަ އެ ކުންފުނިން ސީދާ މުސްތޮފާ އިސްވެގެ ހުންނަވައިގެން ހިންގާ ރެސްޓޯރެންޓުން ކުލީގެ ގޮތުގައި 2009 ގެ ޖެނުއަރީން ފެށިގެން ޖުލައި މަހާ ހަމައަށް މަހަކަށް ދައްކަން ޖެހޭ ކުއްޔަކީ 169،789ރ. އެވެ. އެ އަހަރުގެ އޯގަސްޓުން ފެށިގެން 2010ގެ ޖުލައި މަހާ ހަމައަށް ދައްކަން ޖެހެނީ މަހަކު 184،564ރ. އެވެ. އޯގަސްޓު 2010ން ފެށިގެން ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 193،792ރ. އެވެ. ޖެނުއަރީ، 2009 ން ފެށިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް މރ. ޗިކޯއިން ކުލީ ގޮތުގައި ސަރުކާރަށް ދައްކަން ޖެހޭ ފައިސާ، އެއްވެސް ވަރަކަށް ދައްކާފައި ނުވާއިރު ކޮންމެ މަހަކަށް ޖެހޭ ޖޫރިމަނާއަށް 24،500ރ. އަރަ އެވެ. ކުއްޔަށް ދައްކަން ޖެހޭ ފައިސާ އަށް 4،372،251ރ. އަރަ އެވެ. ކުއްޔާއި ޖޫރިމަނާއަށް 4،396،751ރ. އަރަ އެވެ. އެ ފައިސާގެ ތެރެއިން އެއްވެސް މިންވަރެއް މިހާތަނަށް ދައްކާފައި ނުވާ ކަމަށް މުނިސިޕަލްޓީން ބުންޏެވެ.
~
މުނިސިޕަލްޓީގެ އޮފިޝަލަކު އިއްޔެ ވިދާޅުވީ އާޓިފިޝަލް ބީޗުގައި ޑީއާރުޕީ އޮފީސް ކުރިމަތިން "މރ. ޗިކޯ" ހިންގާ ބިން، މުސްތޮފާ ކުއްޔަށް ހޯއްދަވާފައި ވަނީ އޯޕަން ބިޑެއްގެ ތެރެއިން ކަމަށާއި އެ ބިމުގެ ކުއްޔަށް ސަރުކާރަށް ދައްކަން ޖެހޭ ފީއަކީ ވެސް މުސްތޮފާ ހުށަހަޅުއްވާފައިވާ ކުއްޔެއް ކަމަށެވެ. ނަމަވެސް 2009 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބިމު ކުއްޔަށްވާ އެއްވެސް ފައިސާއެއް މުސްތޮފާ ސަރުކާރަށް ދައްކާފައި ނުވާ ކަމަށެވެ.
"އެތާނގެ (މރ. ޗިކޯ) ކުލީގެ މައްސަލަ މުނިސިޕަލްޓީ އަށް ވެސް، ސަރުކާރަށް ވެސް ވަރަށް ބޮޑު އިޝޫއަކަށްވެފައި މިހާރު އޮތީ. މި މައްސަލައިގައި އޭނާ (މުސްތޮފާ) ހުށަހަޅުއްވަނީ ކުލި ކުޑަ ކުރުމަށް. ދެން 24 ގަޑިއިރު އެތަން ހުޅުވައިގެން އުޅުމުގެ ހުއްދަޔަށާއި މިހާތަނަށް ނުދެއްކި އޮތް ކުލި ބަހާލައިގެން ދެއްކޭނެ ގޮތެއް ހަދައި ދިނުމަށް،" މުނިސިޕަލްޓީގެ އޮފިޝަލު ވިދާޅުވި އެވެ.
އެ އޮފިޝަލު ވިދާޅުވީ މުސްތޮފާގެ ހުށަހެޅުއްވުމަށް ސަރުކާރުން ވިސްނުމަށް ފަހު މުނިސިޕަލްޓީން އެގޮތަށް އެއްބަސްވެފައިވާ ކަމަށާއި ނަމަވެސް އެކަމަށް އެދެން ޖެހޭ ރަސްމީ ސިފަ މިހާތަނަށް ވެސް މުސްތޮފާ ގެންނަވާފައި ނުވާ ކަމަށެވެ.
"މުނިސިޕަލްޓީން އެދުނީ އެކަން އެގޮތަށް ކުރާ ކަމަށް ވަންޏާ ކުންފުނީގެ ލެޓަހެޑުގައި ކުންފުނީގެ ބޯޑް ރިޒޮލިޔުޝަނަކާ އެކު ފޮނުވުމަށް. ކުންފުންޏެއްގެ ނަމުގައި މުސްތޮފާ ބިން ނަގާފައި އޮންނަނީ. އެހެންނަމަވެސް މިއަދާ ހަމައަށް ވެސް މުސްތޮފާ އެކަމެއް ނުކުރައްވާ،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލު ވިދާޅުވީ ދެ ފަރާތުން ވާހަކަ ދެކެވުނު ގޮތަށް ކަންތައް ކުރިޔަށް ނުދިޔުމުން މުނިސިޕަލްޓީން، "މރ. ޗިކޯ"ގެ ބިން . އަނބުރާ ނަގަން ބޭނުވާތީ އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން ބަލަން ޖެހޭ ސަރުކާރުގެ ގަވައިދުތަކަށާއި ދައުލަތުގެ ގާނޫނުތަކަށް. އެހެންވީމާ ތަން ހުސްކުރުމަށް ބޭނުންވާ ފަހުގެ މަރުހަލާ ފުރިހަމަ ކުރުމަށްޓަކައި މި އޮފީހުން ފޮނުވަން ޖެހެނީ ޝަރީއަތަށް. އެކަން ކުރުމަށް އަޅުގަނޑުމެން ފޮނުވަން ޖެހެނީ އެޓާނީ ޖެނެރަލްގެ އޮފީހަށް. މި މައްސަލަ ޝަރީއަތަށް ފޮނުވައި ދިނުމަށް އެދި އޭޖީ އަށް ވާނީ މިހާރު ފޮނުވާފައި. މީހާ (މުސްތޮފާ) ކިތަންމެ ގާތަސް ޕާލަމެންޓް މެންބަރަކަސް އަޅުގަނޑުމެން ބަލަން ޖެހެނީ ގާނޫނާއި ގަވައިދުތަކަށް،" މުނިސިޕަލްޓީގެ އޮފިޝަލު ވިދާޅުވި އެވެ.
އެ ކަމާ ބެގޭ ގޮތުން މުސްތޮފާގެ ބަހެއް ލިބޭތޯ ސަން އިން މިއަދު ގުޅި އެވެ. ނަމަވެސް މުސްތޮފާގެ ފޯނު ނުނަންގަވާތީ އޭނާގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ އެ މައްސަލަ މިހާރު ވާނީ ކޯޓަށް ފޮނުުވައިފައި ކަމަށެވެ.