16 Jul 2014, 11:38
ޣައްޒާ (އޭޕީ) — ހަމަލާދިނުން ހުއްޓާލުމަށް މިސްރުން ހުށަހެޅި ހުށަހެޅުން ފެއިލްވެފައިވާ ކަމަށް ބުނެ އިސްރާއީލުން ޣައްޒާ އަށް ދެމުންގެ ގެންދިޔަ ހަމަލާތައް އިތުރަށް ވަރުގަދަކުރި ފަހުން ދިން މިސައިލް ހަމަލާތަކެއް ހަމާސްގެ އިސް ހަތަރު ވެރިއެއްގެ ގެއަށް އަމާޒު ވެފައި ވާ ކަމަށް ހަމާސް އިން ބުނެފި އެވެ.
ޣައްޒާގައި އިސްރާއީލުން ހިންގަމުން ގެންދާ ރަހުމްކުޑަ އުދުވާނުގައި ނުވަ ދުވަހުގެ ތެރޭގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު 204 އަށް އަރާފައިވާ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ އޮފިޝަލުން ވަނީ ބުނެފަ އެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ވައިގެ ހަމަލާތައް މިއަދު އިތުރަށް ވަރުގަދަކޮށްފައި ވަނީ، ދެފަރާތުގެ ހަމަލާތައް މެދުކަނޑައިލުމަށް މިސްރުން އިއްޔެ ހުށަހެޅި ހުށަހެޅުންތަކަށް ފަލަސްތީނުގެ ޖަމާއަތްތަކުން ދެކޮޅު ހަދައި، އިސްރާއީލަށް ދެމުން ގެންދާ ރޮކެޓް ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް ބުނެ އެވެ.
އިސްރާއީލުން ބުނެފައި ވަނީ، ހަމަލާތައް ހުއްޓައިލުމަށް ހަމާސްއިން އެއްބަސް ވެފައި ނުވާތީ އޭގެ "ހިތިކަން" ހަމާސް އަށް ދައްކާލާނެ ކަމަށެވެ. އަދި އިސްރާއީލުން އިއްޔެ ވަނީ، މިސައިލު ހަމަލާތައް އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށް ބުނެ ޣައްޒާގެ ބޯޑަރު ސަރަހައްދުގައި ދިރިއުޅޭ އެތަކެއް ހާސް ރައްޔިތުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އިންޒާރު ދީފަ އެވެ.
ސަރަހައްދު ދޫކޮށްދިއުމަށް އިސްރާއީލުން އިންޒާރުދިން މީހުންގެ ތެރޭގައި ރިހެބިލިޓޭޝަން ހޮސްޕިޓަލެއްގައި ފަރުވާ ހޯދުމަށް ތިބި އެތަކެއް ސަތޭކަ ބަޔަކު ހިމެނޭ އިރު އެ ހޮސްޕިޓަލުގެ ޑިރެކްޓަރު ބަސްމާން ޢާޝީ ވިދާޅުވީ އެ އެންމެން ވެސް ހޮސްޕިޓަލުގައި އެބަ ތިބި ކަމަށާއި، އެހީދިނުމަށް ޓަކައި ހަރަކާތްތެރިވާ ބައިނަލްއަގްވާމީ ވޮލަންޓިއަރުން، އިންސާނީ އައްޑަނައިގެ ގޮތުގައި ހިދުމަތްކުރަމުން އަންނަ ކަމަށެވެ.
އިސްރާއީލާއި ފަލަސްތީނާ ދެމެދު ހަމަލާތައް ހުއްޓާލުމަށް މިސްރުން ހުށަހެޅި ހުށަހެޅުން ގަބޫލުކުރުމަށް ފަލަސްތީނުގެ ޖަމާއަތްތަކުން ދެކޮޅުހެދިކަމަށް އިސްރާއީލުން ފަތުރާފައި ވަނީ ދޮގު ހަބަރުތަކެއް ކަމަށާއި އެ ހުށަހެޅުމާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން ހިއްސާ ކޮށްފައިނުވާ ކަމަށް ހަމާސް ޖަމާއަތުން މިއަދު ވަނީ ބުނެފަ އެވެ.