16 Jul 2014, 10:38
ޣައްޒާ (ޖުލައި 16): އިސްރާއީލާއި ފަލަސްތީނާ ދެމެދު ޙަމަލާތައް ހުއްޓާލުމަށް މިސްރުން ހުށަހެޅި ހުށަހެޅުން ގަބޫލުކުރުމަށް ފަލަސްތީނުގެ ޖަމާއަތްތަކުން ދެކޮޅުހެދިކަމަށް އިސްރާއީލުން ފަތުރާފައި ވަނީ ދޮގު ހަބަރުތަކެއް ކަމަށާއި އެ ހުށަހެޅުމާބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން ހިއްސާ ކޮށްފައިނުވާ ކަމަށް ހަމާސް ޖަމާއަތުން ބުނެފި އެވެ.
ހަމާސްގެ އަސްކަރީ ގޮފިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިސްރުގެ ހުށަހެޅުމެއް ކަމަށްބުނާ އެ ހުށަހެޅުމާ ބެހޭގޮތުން އެ ޖަމާއަތާއެކު އެއްވެސް ފަރާތަކުން ވާހަކަ ދައްކައި މައުލޫމާތު ރަސްމީ ސިފައެއްގައި ހިއްސާކޮށްފައި ނުވާއިރު މީޑިޔާ މެދުވެރިކޮށް ނޫނީ މިކަމާބެހޭ މައުލޫމާތެއް ލިބިފައިނުވާ ކަމަށާއި މިއީ އޮޅުވާލުމެއްގެ ތެރެއިން ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތްތައް ބަދުނާމު ކުރުމަށް ކޮށްފައިވާ އަމަލެއް ކަމުގައެވެ.
ހަމަލާތައް ހުއްޓާލުމާ ބެހޭގޮތުން މިސްރުން ހުށަހެޅި ހުށަހެޅުމަށް އިސްރާއީލުން އެއްބަސްވެފައި ވާއިރު ހަމަލާތައް އަލުން ފަށާފައި ވަނީ އެ ހުށަހެޅުން ގަބޫލުކުރުމަށް ފަލަސްތީނުގެ ޖަމާއަތްތަކުން އަދި ޚާއްސަކޮށް ހަމާސް އިން ދެކޮޅު ހަދާފައިވުމުގެ ސަބަބުން ކަމަށް ހަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައި ވެއެވެ.
ހަމާސްގެ ބަޔާނުގައި ބުނެފައި ވަނީ ނަމެއްގައި ހަމަލާތައް ހުއްޓާލުމަށް އެއްބަސް ނުވާނެ ކަމަށާއި ޣައްޒާއާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް ނައްތާލުމަށް އިސްރާއީލުން ދެކޮޅުހަދާ އެއްބަސްވުމެއް ގަބޫލު ނުކުރާނެ ކަމުގައެވެ. އަދި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއްގެ ސަބަބުން ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ މުޖާހިދުން ގެ އަތްތައް ކަސްތަޅުއެޅި ހިސާރެއްގެ ދަށުގައި ތާއަބަދަށް ތިބެން ބޭނުންނުވާ ކަމަށާއި އެއަށްވުރެ ޝަރަފާއި ކަރާމާތުގައި ޝަހީދުވެގެން ދިޔުން މާ ރަނގަނޅު ކަމުގައެވެ.
މިސްރުގެ ހުށަހެޅުމަށް ހަމާސުން ދެކޮޅު ހެދިކަމަށްބުނެ އިސްރާއީލުން ވަނީ ޣައްޒާއަށް ދެމުން ގެންދާ އުދުވާން ކުރިޔަށްވުރެ ވެސް ވަރުގަދަކޮށްފައެވެ. އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި ވަނީ ހަމަލާތައް ހުއްޓާލުމުގެ ޝަރުތުތަކާ ފަލަސްތީނުގެ ޖަމާއަތްތައް ދެކޮޅުހެދުމުން ޣައްޒާއަށް އިތުރު ޙަމަލާތައްދީ އަދި ޙަމަލާތައް އިތުރަށް ވަރުގަދަ ކުރުމަށް އިސްރާއީލު ނިންމާފައިވާ ކަމުގައެވެ.
އިސްރާއީލުން ވަނީ ފާއިތުވި އަށް ދުވަހުގެ ތެރޭގައި ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ ފަލަސްތީނުގެ 200 އަށްވުރެ ގިނަމީހުން ޝަހީދުކޮށް 1200 އަށްވުރެ ގިނަމީހުން ޒަޚަމްކޮށް ޣައްޒާގެ މަދަނީ އިންފްރާސްޓްރަކްޗަރުގެ ބޮޑުބައެއް ހަލާކުކޮށްލާފައެވެ. ހަމަލާތައް ހުއްޓާލުމުގެ ނަމުގައި ހުށަހެޅުމެއް ހުށަހަޅައި އެހުށަހެޅުމަށް ހަމާސުން ދެކޮޅު ހެދިކަމަށްބުނެ އިސްރާއީލުން ހަބަރުތައް ފަތުރަމުން ގެންދަނީ އުދުވާން އިތުރަށް ކުރިޔަށް ގެންދިޔުމަށް ރޭވި ރޭވުމެއްގެ ދަށުން ކަމަށް ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތެއް ކަމަށްވާ އިސްލާމިކް ޖިހާދު ޖަމާއަތުން ވަނީ ބުނެފައެވެ. (އަލްޖަޒީރާ)