އަންކަރާ (ޖުލައި 16): އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލުތައް ހިންގަމުން ގެންދާތީ އިސްރާއީލާ ގުޅުންތައް ރަނގަނޅު ކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށް ތުރުކީން ބުނެފި އެވެ.

އަންކަރާގައި ބޭއްވި ތުރުކީގެ ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެގައުމުގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ، އިސްރާއީލަކީ ފަލަސްތީނުގެ ބިންތައް ހިފައިގެން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ސްޓޭޓް ޓެރަރިޒަމްގެ އަމަލުތަކާއި ގަތުލުއާންމުތައް ހިންގަމުން ގެންދާ ގައުމެއް ކަމަށާއި އިސްރާއީލުގެ މިޖަރީމާތަކާ ދެކޮޅަށް އަޑުއުފުލުމަކީ ދީނީގޮތުންނާއި އިންސާނިއްޔަތު ކަމުގެ ގޮތުން ތުރުކީ ރައްޔިތުންނަށް ވާޖިބު ކަމެއް ކަމުގައެވެ.

އުރުދުޣާން ވިދާޅުވީ، އިސްރާއީލުން ކޮންމެ ރޯދަމަހަކު ޣައްޒާގެ މުސްލިމް ރައްޔިތުންގެ ބޯމަތިން މަރު ފަތުރަމުން ގެންދާކަމަށާ އި މިއީ ފަލަސްތީނުގެ ރައްޔިތުން މެރުމަށް ރާވައިގެން އިސްރާއީލު ހިންގަމުން ގެންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް ކަމުގައެވެ.

އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތަކާ ދެކޮޅަށް މީގެ ފަސް ވަރަކަށް އަހަރުކުރިން ޣައްޒާއަށް ކާބޯތަކެއްޗާއި ބޭސް ހިފައިގެންދިޔަ ތުރުކީގެ އާގު ބޯޓަކަށް އިސްރާއީލުން ޙަމަލާދީ އޭގައިތިބި ތުރުކީގެ ނުވަ މީހުން މަރާލުމާ ގުޅިގެން ތުރުކީ ސަރުކާރުންވަނީ އިސްރާއީލާ ގުޅުންތައް ވަރަށް ބޮޑަށް ކުޑަކޮށް އަދި އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ބައެއް ފިޔަވަޅުތައްވެސް އަޅާފައެވެ.

ތުރުކީގެ މިނިންމުމާ ގުޅިގެން ތުރުކީއާއި ވިޔަފާރީގެ ބޮޑެތި މުއާމަލާތްތައް ކުރުމުގެ ފުރުސަތުން އިސްރާއީލު ވަނީ މަހްރޫމް ވެފައެވެ. ދަތިކުރުމުގެ ފިޔަވަވަޅުތައް އުވާލުމުގެ ޝަރުތެއްގެ ގޮތުގައި ތުރުކީ ސަރުކާރުން ކަނޑައަޅާފައި ވަނީ މަރާލި ނުވަ މީހުންގެ އާއިލާތަކަށް އެކަމުގެ ބަދަލެއްގެ ގޮތުން އެތަށް މިލިޔަން ޑޮލަރެއް ދިނުމާއި ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް އުވާލުމެވެ. މީގެތެރެއިން ފުރަތަމަ ޝަރުތު ފުރިހަމަކުރުމަށް އިސްރާއީލު އެއްބަސްވެފައި ވީ ނަމަވެސް ދެވަނަ ޝަރުތަށް އެއްބަސް ނުވާތީ ތުރުކީއާއި އިސްރާއީލުގެ ގުޅުންތައް އަދިވެސް ވަނީ ކެނޑިފައެވެ.

އިސްރާއީލުން މިހާރު ޣައްޒާއަށް ދެމުން ގެންދާ އުދުވާނާ ގުޅިގެން ތުރުކީގެ އެތަށް ރަށެއްގައި އެގައުމުގެ އެތަށް ހާސްބަޔަކުވަނީ އިސްރާއީލާ ދެކޮޅަށް މުޒާހަރާކޮށް އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލާފައެވެ. (އަލްޖަޒީރާ)