16 Jul 2014, 01:08
ސާބިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޒުވާން ފޯވާޑް ލާޒާ މާކޮވިޗް 20 މިލިއަން ޔޫރޯއަށް އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލަށް ސޮއިކޮށްފިއެވެ.
އުމުރުން 20 އަހަރުގެ މާކޮވިޗް ލިވަޕޫލަށް ސޮއި ކުރުމަށްފަހު މީޑިއާތަކަށް ދިންއިންޓަވިއުގައި ބުނެފައި ވަނީ ލިވަޕޫލަށް ބަދަލުވުމަކީ ދެކެމުންއައި އުވަފެނެއް ކަމަށާއި ލިވަޕޫލަށް ކާމިޔާބު ހޯދައި ދިނުމުގައި ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ.
"ލިވަޕޫލަށް ބަދަލުވުމުން ދެކެމުންއައި ހުވަފެން ހަގީގަތަކަށް ވެއްޖެ. ލިވަޕޫލަކީ ބޮޑު ޓީމެއް، އެޓީމަށް ކާމިޔާބު ހޯދައި ދިނުމަށް ވަރަށް މަސައްކަތް ކުރާނަން. އަހަރެން މީގެ ކުރިންވެސް ލިވަޕޫލަށް ބަދަލުވާން އުޅުނިން. އެކަމަކު އެފަހަރު އެކަން ވާގޮތް ނުވީ،" ނިމިދިޔަ ފުޓްބޯޅަ ސީޒަންގައި ޕޯޗުގަލްގެ ބެންފިކާއަށް ކުޅުނު މާކޮވިޗް ބުންޏެވެ.
މާކޮވިޗް ބެންފިކާއަށް ކުޅުނުއިރު ނިމިދިޔަ ސީޒަންގައި އޭނަ ވަނީ ބެންފިކާ އަށް ޕޯޗުގަލް ލީގު ކާމިޔާބުކޮށްދިނުމުގައި މުހިންމު ރޯލެއް އަދާކޮށްފައެވެ. އަދި ބެންފިކާއަށް މާކޮވިޗް ކުޅެދިން 26 މެޗެއްގައި އޭނަ ވަނީ ފަސް ގޯލް ކާމިޔާބު ކޮށްދީފައެވެ.
އަންނަ ސީޒަންގައި ލިވަޕޫލަށް ކުޅުމަށް މިހާރު ސޮއި ކޮށްފައިވާ ބައެއް ކުޅުންތެރިންގެ ތެރޭގައި މިދިޔަ ސީޒަނުގައި ސައުތުހެންޕްޓަނަށް ކުޅުނު އިނގިރޭސި މިޑްފީލްޑަރު އެޑަމް ލަލާނާ ހިމެނެއެވެ. އޭނަ ލިވަޕޫލަށް ސޮއި ކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމަކަށެވެ. މީގެ އިތުރުން ސައުތުހެންޕްޓަނަށް ކުޅެމުންއައި އިނގިރޭސި ފޯވާޑް ރިކީ ލަންބާޓް ވެސް ދެ އަހަރާ ބައިގެ އެއްބަސްވުމެއްގެ ދަށުން މިހާރު ވަނީ ލިވަޕޫލަށް ސޮއިކޮށްފަ އެވެ.
ލިވަޕޫލަށް ޕްރިމިއާ ލީގުގެ ތައްޓެއް ނުލިބޭތާ 24 އަހަރަށް ފަހު، މިދިޔަ ސީޒަނުގައި އެ ކްލަބުން ވަނީ ލީގު ކާމިޔާބުކުރުމާ ވަރަށް ގާތަށް ޖެހިލައިފަ އެވެ. ނަމަވެސް މިދިޔަ ސީޒަނުގެ ލީގު ގެންދިޔައީ ލިވަޕޫލްއާ ދެ ޕޮއިންޓްގެ ފަރަގަކާއެކު ކުރީގައި އޮތް މެންޗެސްޓާ ސިޓީ އެވެ.