16 Jul 2014, 00:59
އަފްޣާނިސްތާނުގެ އިރުމަތީ ސަރަހައްދުގައި އޮންނަ ޕަކްތިކާ ޕްރޮވިންސްގެ މިސްކިތަކާއި މާރުކޭޓެއް ކައިރީގައި އަމިއްލަ އަށް މަރުވެގެން ދިން ކާރު ބޮމުގެ ހަމަލާއެއްގައި 89 މީހަކު މަރުވެ، އެތަށް ބަޔަކަށް އަނިޔާވެއްޖެ އެވެ.
އަފްޣާނިސްތާނުގެ އެޑްމިނިސްޓްރޭޝަން ޗީފް މުހައްމަދު ރެޒާ ކަރިއޯތީއާ ހަވާލާދީ އެމެރިކާގެ ނޫސްއެޖެންސީ އޭޕީގައި ބުނެފައިވަނީ، ގޮވާ ޒާތުގެ އެއްޗެހި ބަރުކޮށްފައި އޮތް ކާރެއްގައި އަމިއްލަ އަށް މަރުވެގެން ދިން އެ ހަމަލާގައި 40 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.
ކަރިއޯތީ ވިދާޅުވީ، އެ ހަމަލާގައި މަރުވި އެންމެންނަކީ ވެސް އާއްމު ރައްޔިތުން ކަމަށާއި އެ ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައިނުވާ ކަމަށެވެ.
"ބޮމުގެ ހަމަލާގެ ސަބަބުން ގިނަ އަދަދެއްގެ ފިހާރަތަކަށްވެސް ވަނީ ހަލާކުވެފައި. އަދި އިމާރާތްތަކުގެ ދަށުގައި އަދިވެސް ގިނަ ބަޔަކު ތާށިވެފައި ތިބުމުން، މަރުވި މީހުންގެ އަދަދު އިތުރުވުން ގާތް،" އަފްޣާނިސްތާނުގެ އެޑްމިނިސްޓްރޭޝަން ޗީފް ބުނެފައިވެއެވެ.
ޕަކްތިކާ ޕްރޮވިންސްގައި މިއަދު އަމިއްލަ އަށް މަރުވެގެން ބޮމުގެ ހަމަލާއެއް ދިންތާ ގަޑިއިރު ތަކެއް ކުރިން އަފްގާނިސްތާނުގެ އިރުމަތީގައި އޮންނަ ކާބުލްގެ މަގެއްގައި ބާއްވާފައި އޮތް ބޮމަކަށް، ކުޑަ ވޭނެއް އަރައި ގޮވާ، އޭގައި ދަތުރުކުރި ދެ މީހަކު ވަނީ މަރުވެފަ އެވެ.
އަފްޣާނިސްތާންގެ ޗީފް އޮފް ކްރިމިނަލް އިންވެސްޓިގޭޝަން ވިދާޅުވީ، މަގުމަތީގައި ބާއްވާފައި އޮތް ބޮމަކަށް އަރައި، ގޮވި އެ ވޭނަކަކީ އެގައުމުގެ ރިޔާސީ ގަނޑުވަރުގެ ވޭނެއް ކަމަށާއި ވޭނު ގޮވި އިރު، ވޭނުގައި ރިޔާސީ ގަނޑުވަރުގެ މީޑިއާ އޮފީހުގައި މަސައްކަތްކުރާ ހަތް މުވައްޒަފުން ތިބި ކަމަށެވެ.
"ރިމޯޓަކުން އެކްޓިވޭޓް ކުރެވޭ ބޮމަކަށް އެރި، ގޮވި އެ ވޭނުގައި ތިބި ދެ މީހަކު މަރުވެފައިވާއިރު، ވޭން ދުއްވަން އިން ޑްރައިވަރާއި އެކު ފަސް މީހަކަށްވަނީ އެކިވަރުގެ އަނިޔާ ލިބިފަ،" ހަޝިމީ ބުނެފައިވެ އެވެ.
ޕާކިސްތާނުގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ތާލިބާން ޖަމާއަތުގެ ތަރުޖަމާން ޒަބިހުއްލާ މުޖަހިދު ވަނީ އެ ހަމަލާގެ ޒިންމާ ތާލިބާނުން ނަގާ ކަމަށް ބުނެފައެވެ.