11 Jan 2011, 10:59
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަންތަނުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި ނ. މިލަދުއަށް ނިސްބަތްވާ ޑީއާރްޕީގެ ގިނަ އަދަދެއްގެ މެމްބަރުންތަކަކަށް ނޭނގި އެމީހުންގެ ރަޖިސްޓްރީ ބަދަލުކޮށްފައިވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ނ. މަނަދޫ ދާއިރާގެ ފޯކަލް ޕޮއިންޓް މުހައްމަދު ހުސެން ޝަރީފް (މުންދު) އިއްޔެ ވިދާޅުވީ، ޑީއާރްޕީ މިލަދޫ ގޮފީގައި ރަޖިސްޓްރީކޮށްފައިވާ މެމްބަރުންތަކެއްގެ ރަޖިސްޓްރީ އޮޅުވާލައިފައިވާކަން ފާހަގަވީ އެންމެ ފަހު ބުރަކަށް އެ މެމްބަރުންގެ ރަޖިސްޓްރީ ޗެކުކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކަމަށެވެ. އެގޮތުން މިހާތަނަށް އެފަދަ 21 މައްސަލައެއް ފާހަގަވެފައިވާ ކަމަށް މުންދު ވިދާޅުވި އެވެ.
"އަޅުގަނޑު މީގެ ގަޑިއިރެއްހާއިރު ކުރިން ގުޅާލިއިރު އޮތީ 16 މީހުން ފާހަގަވެފައި. ސޯޅަ މީހުން މިހާރު 21 މީހުންނަށް ވެއްޖެ،" މުންދު ވިދާޅުވި އެވެ.
ރަޖިސްޓްރީ އޮޅުވާލާފައިވާ މެމްބަރުންގެ ތެރޭގައި ގިނައީ މިލަދު އާއި މާލޭގައި އުޅޭ މީހުން ކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ، އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ އިންތިހާބުގައި އެމީހުން ވޯޓުލާން މިހާރު ރަޖިސްޓްރީވެފައި އޮތީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ކަމަށެވެ.
އެއީ ޑީއާރްޕީގެ މެޖޯރިޓީ މިލަދޫގައި ބޮޑުވުމުން އެމްޑީޕީއަށް އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަން ވިސްނޭތީ ޑީއާރްޕީގެ އާއްމު މެމްބަރުންނަށް ދިން "ލަނޑެއް" ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް އިނގޭ އެތައް ބައިވަރު ދާއިރާތަކެއްގައި ހުންނާނެ ކަން ޑީއާރްޕީއަށް ހަމަ މި ލަނޑު ދެމުންގެންދާ ނޫނިއްޔާ މިކަހަލަ ޖަރީމާއެއް އެމްޑީޕީން ހިންގަމުން ގެންދާ. އެހެންވީމަ އަޅުގަނޑު ބޭނުންވަނީ ހުރިހާ ބަޔެއްގެ ސަމާލުކަމަށް މިކަން ގެންނަން،" ޑީއާރްޕީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމްގެ ތަރުޖަމާނު ވިދާޅުވި އެވެ.
އަދި ޑީއާރްޕީގެ ކެމްޕެއިން ހިންގާ ފަރާތްތަކުން އާއްމު މެމްބަރުންނަށް ގުޅައި، ރަޖިސްޓްރީ އޮތީ ރަނގަޅަށްތޯ ބެލުމަށް މުންދު ގޮވައިލެއްވި އެވެ.
މިލަދޫގެ ޑީއާރްޕީ މެމްބަރުންގެ އައިޑީ ކާޑުގެ "ވައްކަން" ވެސް ކުރަމުންދާ ކަމަށާއި އެ ހުރިހާ މައްސަލަތަކެއް މިއަދު ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.
"މިލަދޫގެ މައްސަލަ އަޅުގަނޑުމެން ހައްލު ކުރާނެ. އިންތިހާބު ބޭއްވުމަށް ފުރުސަތު ވެސް ނުދޭނަން އިންސާފުވެރިކޮށް ނޫން އެހެން ގޮތަކަށް" މުންދު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ވޯޓް ރަޖިސްޓްރީގެ ކަންތައްތައް ބަލަހައްޓާ ބޭފުޅާ އާ ގުޅޭ ގޮތް ނުވުމުން އެ ކޮމިޝަންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.