އިޒުރޭލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި އެ ގައުމުގެ ނިކަމެތި އާންމު ރައްޔިތުން މަރުވަމުންދާތީ، ފަލަސްތީނުގެ ދިފާއުގައި އިޒުރޭލާ ދެކޮޅަށް އެތައް ހާސް ބަޔަކު މާލޭގެ މަގުތަކަށް މިރޭ އެއްވެ އަޑު އުފުލައިފި އެވެ.

މިރޭ އިރާކޮޅު ސޯޝަލް ސެންޓަރުން ކައިރިން ފެށި ހިނގާލުމުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި މަޖިލީހުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ އިސް ބޭފުޅުންނާއެކު އެތައް ހާސް އާންމު ރައްޔިތުންނެއް ބައިވެރިވި އެވެ. ހިނގާލުމުގައި ފަލަސްތީނަށް ނަސްރު ހޯދުމަށް މަސައްކަތް ކުރާ މުޖާހިދުންގެ ޖަމާއަތްތަކުގެ ދިދަތަކާއި ފަލަސްތީނުގެ ދިދަތައް ވަނީ އުފުލާފަ އެވެ. އަދި އިޒުރޭލުގެ އަނިޔާވެރި ހަމަލާތަކުގައި ޝަހީދުވި އެތައް ސަތޭކަ މީހުންގެ ފޮޓޯ ހިމެނޭ ޕޯސްޓަރު ވެސް ބޭނުން ކުރި އެވެ.

މިރޭ މާލޭގައި ކުރިއަށް ދިޔަ ހިނގާލުމުގެ ތެރެއިން-- ސަން ފޮޓޯ: ސޮފްވާން

މިއަދު މާލޭގައި ކުރިއަށް ގެންދާ ހިނގާލުމުގައި ފަލަސްތީނަށް ނަސްރު ދެއްވުމަށް އެދި މާތް ﷲއަށް ދުއާ ވެސް ކުރި އެވެ. އަދި ހިނގާލުން ނިންމާލުމުގެ ގޮތުން ބޮޑު ޖަމާއަތެއްގައި ވެސް ދުއާއެއް ކުރި އެވެ.

ހިނގާލުން ނިންމާލި ފަހުން އިޒުރޭލާއި އެމެރިކާގެ ދިދަ ބަޔަކު ވަނީ ރޯކޮށް އަންދާލާފަ އެވެ. އިޒުރޭލާއި އެމެރިކާގެ ދިދަ އަންދާލި މައްސަލާގައި ހިނގާލުން އިންތިޒާމް ކުރި ފަރާތުން ބުނީ އެފަދަ ކަމެއް ނުކުރުމަށް ހިނގާލުމުގެ ބައިވެރިންނަށް ތަކުރާރުކޮށް އިލްތިމާސް ކުރި ކަމަށެވެ. ނަމަވެސް ފަހު ވަގުތު "ބަޔަކު ނުކުމެ" ދިދަ އަންދާލީ ކަމަށް އެ ފަރާތުން ބުންޏެވެ.

-- ހިނގާލުމަށްފަހު އިޒުރޭލާއި އެމެރިކާގެ ދިދަ އަންދާލުމުން، ފުލުހުން އެކަން ހުއްޓުވަން މަސައްކަތް ކުރަނީ-- ސަން ފޮޓޯ: ސޮފްވާން


މިރޭ މާލޭގައި ކުރިއަށްދާ ހިނގާލުމަކީ ރާއްޖޭގެ އެންމެ ވާދަވެރި ޕީޕީއެމާއި އެމްޑީޕީން ވެސް ބައިވެރިވެގެން ކުރިއަށް ގެންދާ ހިނގާލުމެކެވެ. މިއީ މި ދެ ޕާޓީ ބައިވެރިވެގެން ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ހަރަކާތެވެ. ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީއާއެކު ސަރުކަރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ވެސް ހިނގާލުމުގައި ބައިވެރިވި އެވެ.