އިޒްރޭލާއި ހަމާސްގެ ކުރިމަތިލުން އަލުން ފަށައި، ފަލަސްތީނުގެ ކުށެއް ނެތް ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ޝަހީދުކޮށްލާފައިވާ އިޒްރޭލުގެ މީހަކު ފުރަތަމަ ފަހަރަށް މިރޭ މަރުވެއްޖެ އެވެ.

އިސްރޭލުގެ އަނިޔާވެރި ހަމާލަތައް ފެށިތާ އަށް ދުވަސް ފަހުން އިޒްރޭލުގެ ރައްޔިތެއް މަރުވެފައިވާ ކަން އެގައުމުގެ އަސްކަރިއްޔާ އިން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެގައުމުގެ އަސްކަރިއްޔާ އިން އެކަމާ ބެހޭ މާ ގިނަ މައުލޫމާތެއް ނުދިން ނަމަވެސް، މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހަމާސްގެ ރޮކެޓްތަކުން މަރުވެފައި ވަނީ އިސްރޭލުގެ އާންމު ރައްޔިތެއް ކަމަށެވެ.

"ހަމާސްގެ ހަމަލާތަކުގެ ރައްދުގައި އަހަރެމެން ވެސް ގާޒާއަށް ހަމަލާތައް ދޭން ފަށައިފިން. ހަމާސް އިން އިސްރޭލަށް 96 ރޮކެޓް ހަމަލާ އާއި މޯޓަރުގެ ހަމަލާތަކެއް ދިން." އިސްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ބުންޏެވެ.

މީގެ ކުރިން އިސްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ، އިސްރާއީލާއި ހަމާސް ޖަމާއަތާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތައް ހުއްޓާލައި ސުލްހައިގެ ވާހަކަތައް ފެށުމަށް މިސްރުން ހުށަހެޅި ހުށަހެޅުން ގަބޫލުނުކޮށް، ހަމާސް އިން ހަމަލާތައް ކުރިއަށް ގެންދާ ނަމަ، ރައްދުގައި އިސްރޭލުން ވެސް އަލުން ހަމަލާތައް ފަށާނެ ކަމަށެވެ.

އިސްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 175 ކުށެއްނެތް ރައްޔިތުން ޝަހީދުކޮށްލާފައިވާ ކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓް ކުރެ އެވެ.