އެތުލެޓިކޯ މެޑްރިޑްގެ ފޯވަޑް ޑިއޭގޯ ކޮސްޓާ، ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި އިނގިރޭސި ކްލަބު ޗެލްސީއަށް ސޮއިކޮށްފި އެވެ.

އެތުލެޓިކޯއާ އެކު ކާމިޔާބު ސީޒަނެއް ހޭދަކުރުމަށް ފަހު، ކޮސްޓާ ވަނީ ޗެލްސީއާ އެކު ސޮއިކޮށްފައިވާ ކަމަށް އެކްލަބުން ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ. ޗެލްސީއިން ބުނީ، އަންނަ ހަފްތާގައި ޗެލްސީގެ ޓްރެއިނިންގް ކޭމްޕްގައި ކޮސްޓާ ބައިވެރިވާނެ ކަމަށެވެ. ޗެލްސީ އަށް ކޮސްޓާ ގުޅުނީ 32 މިލިއަން ޕައުންޑްގެ ފީއަކަށް ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

އެތުލެޓިކޯގެ ބެންޗުގައި ހޭދަކުރި ހިތްދަތި ދުވަސްތަކަކަށް ފަހު، މިދިޔަ ސީޒަނުގައި ފުރަތަމަ އެގާރައިން ކޮސްޓާއަށް ޖާގަ ލިބުމާ އެކު އޭނާ ވަނީ އެ ފުރުސަތުގެ ބޭނުން ވަރަށް ރަނގަޅަށް ހިފައިފަ އެވެ. ކޮސްޓާ ވަނީ އެތުލެޓިކޯ އަށް 18 އަހަރަށް ފަހު، ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްދިނުމަށް އެހީތެރިވެ، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް އެޓީމު ގެންގޮސްދިނުމަށް އިސް ދައުރެއް އަދާކޮށްފަ އެވެ.

ޗެލްސީއާ ގުޅުމަށް ފަހު، އުމުރުން 25 އަހަރުގެ ކޮސްޓާ ބުނީ، އެކްލަބާ ގުޅުމުން ވަރަށް އުފާވާ ކަމަށާއި ޗެލްސީއަކީ މޮޅު ކްލަބެއްކަން އެންމެންނަށް ވެސް އެނގޭނެ ކަމަށެވެ.

"މި ކްލަބުގެ ތާރީހާ މެދު އެއްވެސް މީހަކަށް އޮޅުމެއް ނާރާނެ. އަދި ޕްރިމިއާ ލީގަކީ ވާދަވެރި ލީގެއްކަން އެންމެންނަށް ވެސް އެނގޭނެ،" އޭނާ ބުންޏެވެ. "އިންގްލެންޑްގައި މޮޅު ކޯޗަކާއި މޮޅެތި ކުޅުންތެރިންތަކަކާ އެކު މަސައްކަތްކުރަން އަހަރެން މިހިރީ ކެތްމަދުވެފައި. މިދިޔަ ސީޒަނުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން އެކްލަބުގެ ފެންވަރު އަހަރެންނަށް އެނގިގެންދިޔަ."

ކޮސްޓާ އިތުރަށް ބުނީ، އޭނާ އަށް އެތުލެޓިކޯއިން ކޮށްދިން ކަންތައްތަކަށް އެކްލަބަށް ޝުކުރު އަދާކުރާ ކަމަށާއި އޭނާ މިހާރު ހުރި ފެންވަރަށް ގެނެސްދިނީ އެތުލެޓިކޯ އިން ކަމަށެވެ.

ބައިނަލްއަގްވާމީ ފެންވަރުގައި ބްރެޒިލް އަށް އުފަން ކޮސްޓާ ކުޅެނީ ސްޕެއިން ގައުމީ ޓީމަށެވެ. މިއަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕުގައި ސްޕެއިން ޓީމަށް ދެ މެޗެއް ކުޅުނު އިރު، ކޮސްޓާ އަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެ އެވެ. އަދި ބްރެޒިލް ގައުމީ ޓީމަށް ކުރިން ކުޅުނު ދެ މެޗަކާއި ސްޕެއިން ޓީމަށް މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއްވެސް މެޗެއްގައި ކޮސްޓާއަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެ އެވެ.

ވަލަޑޮލިޑްއަށް ކުޅުމަށް ފަހު، 2010 ވަނަ އަހަރުން ފެށިގެން އެތުލެޓިކޯއަށް ކުޅުނު 94 މެޗުން އޭނާ ވަނީ 43 ލަނޑު ކާމިޔާބުކޮށްފަ އެވެ. އެތުލެޓިކޯއަށް ކުޅުނު އިރު، ލޯނުގެ ދަށުން 2012 ވަނަ އަހަރު ރަޔޯ ވަޔެކާނޯ އަށް ވެސް އޭނާ ވަނީ ކުޅެފަ އެވެ.

ކޮސްޓާއަކީ އަންނަ ސީޒަނަށް ސްކޮޑު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ޗެލްސީ އަށް ގެނައި ދެވަނަ ކުޅުންތެރިޔާ އެވެ. ސްޕެއިންގެ ތަޖުރިބާކާރު މިޑްފީލްޑަރު ސެސް ފެބްރިގާސް ވެސް ވަނީ ޗެލްސީއަށް ސޮއިކޮށްފަ އެވެ.