15 Jul 2014, 22:34
ޕިލިޕްސް އޮފީސް ޓޭޕްބޯލް ކްރިކެޓް މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗްތަކުން އެޑިއުކޭޝަން އާއި ކަސްޓަމްސް މޮޅުވެއްޖެ އެވެ.
ޖުމްލަ އަށް ޓީމާއެކު ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ އެމުބާރާތުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗް ރައީސް އޮފީހާއި ބައްދަލުކޮށް އެޑިއުކޭސަން ކާމިޔާބުކުރީ 16 ލަނޑުންނެވެ. ދެވަނަ މެޗް އިމިގްރޭސަންއާ ބައްދަލުކޮށް ފަސް ވިކެޓުން ކާމިޔާބުކުރީ ކަސްޓަމްސްގެ ޓީމް އެވެ.
ފުރަތަމަ މެޗް ޓޮސްދިމާވުމުން އެޑިއުކޭސަން ކުޅެންއަރާ އަށް އޯވަރުގެތެރޭގައި 129 ލަނޑު ހެދި އިރު މެޗުގައި އެޑިއުކޭޝަންގެ ސަންތޯސް 33 ލަނޑު ހެދި އެވެ. އަދި ދިލީޕް ވަނީ 27 ލަނޑު ހަދައިފަ އެވެ.
ޖަވާބުގައި ރައީސް އޮފީސް ކުޅެންއަރާ އަށް އޯވަރުތެރޭގައި 113 ލަނޑުހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 34 ލަނޑުހެދި މުހަންމަދު އެވެ.
މިއަދުގެ ދެވަަނަ މެޗް ޓޮސް ދިމާވުމުން އިމިގްރޭސަން ކުޅެންއަރާ އަށް އޯވަރުގެތެރޭގައި 82 ލަނޑު ހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 13 ލަނޑުހެދި ލައްސާން އެވެ. ޖަވާބުގައި ކަސްޓަމްސް ކުޅެންއަރާ ހަތް ވަނަ އޯވަރުގައި 83 ލަނޑުހެދި އެވެ. މުހަންމަދު އާމިރު 32 ލަނޑު ހެދި އިރު، ފައިސަލް އަބްދުއްސައްތާރު ވަނީ 21 ލަނޑު ހަދައިފަ އެވެ.
މިމުބާރާތުގައި މާދަމާގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ މީރާއަދި ޕޮލިސް ކްލަބެވެ. ދެވަނަ މެޗްގައި ބައްދަލުކުރާ ދެ ޓީމަކީ އެޑިއުކޭސަންއާއި ދިވެހި ސިފައިންގެ ކްލަބެވެ. ކުޅުން ފެށުމަށް ހަަމަޖެހިފައި ވަނީ މާދަމާ ހަވީރު 4:15ގައި ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގަ އެވެ.