15 Jul 2014, 22:08
ކޮކާކޯލާ ވެޓަރަންސް ކަޕްގެ ދެ ވަނަ ބުރުގައި ދިވެހި ސިފައިން ކްލަބު ކުޅުނު ފުރަތަމަ މެޗްގައި ވެލެންސިއާ އާއި ބައްދަލުކޮށް 1-1 ލަނޑުން ދެ ޓީމް އެއްވަރުވެގެން ނިމިއްޖެ އެވެ.
މި މެޗްގެ ފުރަތަމަ ލަނޑު ޑީއެސްސީ ޖަހާފައި ވަނީ މެޗްގެ ފުރަތަމަ ހާފުގައި ސާހް އިސްމާއިލެވެ. މި މެޗް ގެ ނަތީޖާ އެއްވަރުވި ލަނޑު ވެލެންސިއާ ޖަހާފައި ވަނީ މެޗްގެ ފަހު ހާފް ނިމެން އުޅެނިކޮށް އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ވެލެންސިއާގެ ކީޕަރު އަސްލަމް އަބްދުއްރަޙްމާނެވެ.
ލައިފް ބޯއީ އެއް ނަމްބަރު ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މި މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވާފައި ވަނީ ވެލެންސިއާގެ ބިންމާ އަބްދުﷲ ވަހީދެވެ.
މިއަދުގެ މެޗުން ވެލެންސިއާއަށް ލިބުނު އެއް ޕޮއިންޓާއެކު ދެ ވަނަ ބުރުގައި އެ ޓީމް އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ތާވަލްގެ އެއް ވަނަ މަގާމްގަ އެވެ. ދެ ވަނަ ބުރުގައި ވެލެންސިއާ ކުޅުނު ފުރަތަމަ މެޗުން އެ ޓީމް ތިން ޕޮއިންޓް ހޯދީ އިއްޔެ މަހިބަދޫ ސްޕޯޓްސް ކްލަބް އަތުން 5-2 ލަނޑުން މެޗް ކާމިޔާބު ކުރުމުންނެވެ.
މުބާރާތުގައި މާދަމާ ހަވީރު 4:40 ގައި ބައްދަލުކުރާ ދެ ޓީމަކީ ބީޖީ އާއި މަހިބަދޫ ސްޕޯޓްސް ކްލަބެވެ.
ދެ ވަނަ ބުރުގައި ޖުމްލަ ފަސް ޓީމް ވާދަކުރާއިރު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެއް ސެމީއަށް ދަތުރު ކުރާނެ އެވެ.
މުބާރާތުގެ ސެމީގެ ފުރަތަމަ މެޗް މިމަހުގެ 23 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު ސެމީގެ ދެ ވަނަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ. އަދި ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.