15 Jul 2014, 18:05
ނައިޖީރިއާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމުން މިދިޔަ އޭޕްރިލް މަހު ވަގަށްނެގި 219 އަންހެން ކުދިންގެ ދިފާއުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ޕާކިސްތާނުގެ އުމުރުން 17 އަހަރުގެ މަލަލާ ޔޫސަފްޒައި ނިކުމެއްޖެއެވެ.
އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމުގެ އެކި އެކި މަސައްކަތްތަކުން މުޅި ދުނިޔޭގައި މަގުބޫލުކަން ހޯދައިފައިވާ މާލާލާ އަށް 17 އަހަރު ފުރުނު އުފަންދުވަސް އޭނާ ފާހަގަކުރީ ނައިޖީރިއާއަށް ގޮސް ބޯކޯ ހަރާމުން ވަގަށް ނެގި ކުދިންތަކުގެ ތެރެއިން ސަލާމަތްވެފައި ތިބި ފަސް ކުދިންނާއި އެކުގަ އެވެ.
ނައިޖީރިއާގައި އޮންނަ ސަމްބީސިއާ ޖަންގައްޔަށް ގެންދަނިކޮށް ބޯކޯ ހަރާމްގެ އަތް ދަށުން ސަލާމަތްވި އެފަސް ކުދިން ކައިރިން މައުލޫމާތު ހޯދުމުގެ ގޮތުން އެގައުމުގެ ފުލުހުން ސުވާލު ކުރިތޯ މަލާލާ އެހުމުން އެފަސް ކުދިންވެސް ބުނީ އެދުކިންގެ ފަރާތުން މައުލޫމާތު ހޯދުމަށް ފުލުހުން މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.
ބޯކޯ ހަރާމުން ނައިޖީރިއާގެ ޗިކްބޮކްއިން ވަގަށްނެގި އަންހެން ކުދިންގެ އާއިލާތަކާ މިދިޔަ އާދިއްތަ ދުވަހު ބައްދަލުކޮށް މަލާލާ ވަނީ އެމީހުންގެ ހާލާއަހުވާލު ބަލާފައެވެ. އެއާއިލާތަކުގެ އެންމެ ބޮޑު ޝަކުވާއަކީ އެމީހުންގެ ދަރިންގެ ހާލު މިހާރު އެގައުމުގެ މީހުން ހަނދާންނެތި އެމީހުންނަށް ހަމްދަރުދީ ނުވާތީނުވާ މައްސަލަ އެވެ.
"އެމީހުންގެ ލޮލުން ކަރުނަ ފެނޭ އަހަންނަށް. އެމީހުން މިހާރު ތިބީ އުއްމީދު ގެއްލިފަ. އެމީހުން ބޭނުންވޭ އެމީހުންގެ ދަރިން ހޯދަން ނައިޖީރިއާގެ ރައީސް އާއި ވެސް ބައްދަލުކޮށް އެކަމަށް އެދެން." ބީބީސީއާ ވާހަކަދައްކަމުން މަލާލާ ބުންޏެވެ.
ފޮކްސް ނިއުސް އިން ބުނިގޮތުގައި ނައިޖީރިއާގެ ރައީސް ޖޮނަތަން ވަނީ މަލަލާއާ ބައްދަލުކުރައްވައި މަލާލާ އާއި ވަގަށްނެގި ކުދިތަކުގެ އާއިލާމީހުންގެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. ޖޮނަތަން ވިދާޅުވިގޮތުގައި ނައިޖީރިއާގެ ސަރުކުރާރުން ދަނީ އެކުދިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ސަރުކާރުގެ މައްޗަށް އެކުރެވޭ ތުހުމަތުތައް އޭނާ ވަނީ ދޮގުކުރައްވާފަ އެވެ.
މާލާލާއާ ހަވާލާދީ ފޮކްސް ނިވްސްގައި ބުނެފައި ވަނީ ނައިޖީރިއާގެ ތައުލީމީ ފެންވަރު ރަނގަޅުވާވަރަކަށް ސިޔާސީ ހަމަނުޖެހުންތައް ވެސް މަދުވާނޭކަމަށެވެ.
މަލާލާ ވަނީ ބޯކޯ ހަރާމްގެ ހަތިޔާރުތައް ތިރިކޮށް ވަގަށް ނަގައިފައިވާ ކުދިންތައް ދޫކޮށްލުމަށް ވެސް ގޮވާލާފައެވެ.
"ހަތިޔާރު ތިރިކުރޭ! ކަލޭމެންގެ ކޮށްކޮއިންތައް ދޫކޮށްލާ! އަހަރެންގެ ކޮށްކޮއިންތައް ދޫކޮށްލާ! އެމީހުން މިނިވަން ކުރޭ! އެމީހުންގެ އެއްވެސް ކުށެއްނެތް،" މާލާލާ ބުންޏެވެ.
މަލާލާ ބުނީ އިސްލާމް ދީނަކީ ސުލްހައަށް ލޯބިކުރާ ދީނެއްކަމަށާއި ނަމަވެސް ބޯކޯ ހަރާމް ޖަމާއަތުން އިސްލާމްދީނުގެ ނަމުގައި އެދީނުގެ އަގީދާތަކާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއް ހިންގަމުން އަންނަ ކަމަށެވެ.
ނައިޖީރިއާގެ އަވަށެއް ކަމަށްވާ ޗިކްބޮކްގައި ހުރި ސްކޫލަކުން ވަގަށް ނެގި 219 އަންހެން ކުދިންގެ ޚަބަރެއް ނުވާތާ މިހާރު މިވަނީ 90 އަށް ވުރެ ގިނަ ދުވަސްވެފަ އެވެ.
http://www.youtube.com/watch?v=uUMZo_F26QM---