15 Jul 2014, 17:35
މާލޭގައި ފްލެޓު އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމަށް އިސްލާހުތަކެއް ގެނައުމަށް އިކޮނޮމިކް ކައުންސިލުން ލަފާދީފައިވާ ކަމަށާއި، ހުއްޓިފައިވާ މަސައްކަތް، އެބަދަލުތަކާ އެކު ފެށުމަށް އަންނަ ހަފްތާގައި ސޮއިކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވީ، އެކޮނޮމިކް ކައުންސިލުން ލަފާދީފައިވާ ގޮތުގެމަތިން އެއްބަސްވުމަށް އިސްލާހުތަކެއް ގެނެސް އެ މިނިސްޓްރީން ޓާޓާއަށް ފޮނުވާނެ ކަމަށެވެ. އަދި އެ ކުންފުނީގެ ފަރާތުން އެއްބަސްވުން ފައިނަލްކޮށް ފޮނުވުމުން އަންނަ ހަފްތާގައި ސޮއިކުރެވިދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނާދީ އިމާރާތް ކުރިން ހުރި ބިމުގައި ފްލެޓު އެޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ޓާޓާ ކުންފުންޏާ ހަވާލު ކުރި ނަމަވެސް އެތަނުގައި އެޅުމަށް ހަމަޖެއްސި ފްލެޓުތައް ހުޅުމާލޭގައި އަޅަން ހަމަޖައްސައި، އެ ބިމުގައި ސުޕްރީމް ކޯޓު އިމާރާތް ކުރުމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ނިންމި އެވެ.
ނަމަވެސް އެކަމާ މެދު ހިތްހަމަނުޖެހިގެން ޓާޓާ ކުންފުނިން ޝަކުވާ ކުރުމުން މި ސަރުކާރުގެ އެކޮނޮމިކް ކައުންސިލުން ވަނީ ސުޕްރީމް ކޯޓު އިމާރާތް ކުރުމަށް އެހެން ބިމެއް ހަމަޖައްސައި، ނާދީ އިމާރާތް ހުރި ބިމުގައި ކުރިން އެއްބަސްވެފައިވާ ގޮތަށް ފްލެޓު އިމާރާތް ކުރަން ޓާޓާއާ ހަވާލުކުރުމަށް ނިންމާފަ އެވެ.
އެއްބަސްވުމަށް ގެނައި އެ ބަދަލުގެ އިތުރުން ހުޅުމާލޭގައި 150 ފުލެޓު އެޅުމަށް ވެސް އިކޮނޮމިކް ކައުންސިލުން އެއްބަސްވުމުގައި ހިމަނާފައިވާ ކަމަށާއި ޓާޓާ ކުންފުނިން އެކަމަށް އެއްބަސްވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި މިހާރު އޮތީ އެމައްސަލައިގައި ޓާޓާއާ އެކު އެއްބަސްވުމަކަށް އާދެވިފައި ކަމަށާއި އިސްލާހު ތަކާއެކު ސޮއިކުރާ ދުވަހުން ފެށިގެން 45 ދުވަހުގެ ތެރޭ ގާކޮށްޓާއި ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތްކުރަން ފަށައި، ހުއްޓިފައިވާ ފްލެޓުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
އިސްލާހުތަކާ އެކު އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 10 މަސް ދުވަހުގެ ތެރޭގައި ގާކޮށީގައި އިމާރާތްކުރާ ފެލެޓުތަކުގެ މަސައްކަތް ނިންމަންޖެހޭއިރު، ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތްކުރާ ފްލެޓުތަކުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.