11 Jan 2011, 09:52
ޢާންމު ތަންތާގައި ދުންފަތުގެ އިސްތިޢްމާލުކުރުން ސޫރިޔާގައި މަނާކޮށްފިއެވެ. ސޫރިޔާ ސަރުކާރުން ނެރެފައިވާ ރަސްމީ ގަވައިދެއް ބުނާގޮތުން މިއަހަރުގެ ޖަނަވަރީން ފެށިގެން ޢާންމު ތަންތާނގައި ދުންފަތުގެ އިސްތިޢްމާލު ކުރުމަކީ މަނާ ކަމެކެވެ. ޢާންމު ތަންތަން ކަމަށް މިގަވައިދުގައި ސިފަކުރަނީ މީހުން އެއްވާ އެތެރޭގެ ތަންތަނާއި ހާމަ ތަންތަނެވެ. މީގެ ތެރޭގައި ރެސްޓޯރެންޓް ކެފޭ، ސްކޫލްތަކުގެ ގޯތިތެރެ، ކަސްރަތު ކުރާތަންތަން، އޮފީސް ޢިމާރާތްތައް މަސައްކަތް ކުރާ ތަންތަން، ދަތުރުފަތުރުކުރުމުގެ ވަސީލަތްތަކާއި އެއާގުޅިފައިވާ ސްޓޭޝަން ތައް ފަދަ ތަންތަން ހިމެނެއެވެ. ކެފޭ ރެސްޓޯރެންޓް ތަކުގައި 2010 ގައިވަނީ މިޤަވާޢިދަށް ޢަމަލުކުރަން ފަށާފައެވެ. ޢަރަބި ޤައުމެއްގައި ޢާންމު ތަންތަނުގައި ދުންފަތުގެ އިސްތިޢްމާލު ކުރުން މަނާކުރި ފުރަތަމަ ޤައުމަކީ ސޫރިޔާއެވެ.
ސޫރިޔާއިން ޢަމަލު ކުރަމުންދާ މިޤަވައިދުގައި ދުންފަތުގެ އިސްތިޢްމާލް ނުކުރާ ފަރާތްތަކަށް ދުންފަތުގެ އުނދަނގޫ ނުސީދާގޮތެއްގައި ކުރިމަތިވާ ހުރިހާ މައްސަލައެއް ޙައްލުކޮށްފައެއް ނުވެއެވެ. މިގޮތުން ދުންފަތާއި އޭގެ ބާވަތްތައް ވިއްކާ ތަންތަނާއި މުސްކުޅިން ބަލަހައްޓާ ގެތަކާއި ރޭލްވޭތަކުގެ ދުވާރު ފަދަ ތަންތަން ދުންފަތުގެ އިސްތިޢްމާލުކުރުން މަނާ ތަނތަނުގެ ތެރޭގައި ހިމަނާފައެއްނުވެއެވެ.
ދުންފަތުގެ އިސްތިޢްމާލު ކުރުމާގުޅިގެން ސޫިރޔާގައި އަހަރަކު 25 ހާސް މީހުން މަރުވާކަމަށް ތަފާސްހިސާބު ތަކުން ހާމަވެއެވެ. އަދި ދުންފަތުގެ އިސްތިއްމާލު ކުރާ މީހުން ގެ ދުންފަތުގެ ދުމުގެ ސަބަބުން ވެސް އަހަރަކު 3 ހާސްމީހުން މަރުވާ ކަމަށް ސޫރިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ލަފާކުރެއެވެ.