އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ދިޔަ ހަމަލާތަކުގައި އަނިޔާވި މީހުނަށް ފަރުވާދެމުން އަންނަ ހޮސްޕިޓަލެއް ކަމަށްވާ "އަލް ޝިފާ" ހޮސްޕިޓަލް ފުރިބާރުވެ ބޭސް ފަރުވާއަށް ބޭނުންވާ ތަކެތި ހުސްވެއްޖެ އެވެ.

ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލު ކަމަށްވާ "އަލް ޝިފާ" ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރު އައިމަން އަލް ސަހްބާނީއާ ހަވާލާދީ އަލްޖަޒީރާ އިން ބުނީ ކުރިން އެ ހޮސްޕިޓަލަށް ކައިރި ގައުމުތަކުން ލިބެމުން އައި އެހީވެސް މިހާރު ނުލިބޭކަމަށެވެ.

"2012 ވަނަ އަހަރު އަހަރުމެން އެންމެ ހާލުދެރަކޮށް އުޅޭ ޕޭޝަންޓުން ފޮނުވާލަނީ އިޖިޕްޓްގެ [މިސްރުގެ] ހޮސްޕިޓަލުތަކަށް، އަޅުގަނޑުމެންނަށް އޭރު އަރަބިންނާއި އެހެނިހެން ޖަމްއިއްޔާތަކުން އެހީވެސް ލިބޭ. އޭގެ އިތުރުން ބޭރު ޑޮކްޓަރުން އައިސް އެހީވެދޭ ނަމަވެސް މިހާރު އެއިން އެއްވެސް ކަމެއް ނެތް،" ޑޮކްޓަރު ސަހްބާނީ ވިދާޅުވި އެވެ.

މިދިޔަ އަންގާރަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާއާ އެކު އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހުނަށް ފަރުވާދިނުމުގައި އަވަދިނެތި އުޅުނު ޑޮކްޓަރު ސަހްބާނީ ވިދާޅުވީ އެދުވަހު އެހޮސްޕިޓަލުގެ އެމަޖެންސީ ރޫމަށް އަނިޔާތަކާއި އެކު އަށް މީހުން ގެންދިޔަ ކަމަށާއި އޭގެތެރޭގައި ދެ ކުޑަ ކުދިންވެސް ހިމެނޭކަމަށެވެ. އަދި އެވަގުތު އެންމެ ހާލުދެރަ މީހުންނަށް ފަރުވާދިނުމަށް އެހޮސްޕިޓަލުގެ އައިސީޔޫގައި ހުރި 12 އެނދު ބޭނުންކުރަމުން ދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޣައްޒާގައި ތެޔޮ ލިބުން ދަތިވެ އިރު އިރުކޮޅުން ހޮސްޕިޓަލުން ކަރަންޓު ކެނޑުމުގެ ސަބަބުން އެމަޖެންސީގައި އެޑްމިޓުކޮށް ޑައެލަސިސް ގުޅާފައިވާ މީހުންނާއި އިންކިއުބޭޓާ ފަދަ ކަރަންޓުން މަސައްކަތް ކުރާ އާލަތްތަކުން ފަރުވާ ދެމުންދާ މީހުނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހުނުކަމަށް ވެސް ޑޮކްޓަރު ސަހްބާނީ ވިދާޅުވި އެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީގެ ސްޕޯކްސްޕާސަން އަޝްރަފް އަލް ކެދްރާއާ ހަވާލާދީ އަލްޖަޒީރާއިން ބުނީ އިސްރާއީލުގެ ލާއިންސާނީ ޖަރީމާތަކުގައި އަނިޔާ ލިބުނު މީހުންނަށް ފަރުވާދޭން ބޭނުންކުރާ ބޭސްތަކުގެ ތެރެއިން އެންމެ މުހިންމު ބޭހުގެ ބާވަތުން މިހާރު ހުރީ ހަމައެކަނި 30 ޕަސެންޓުގެ ބޭސް ކަމަށެވެ. އަދި ބާކީ ހުރި ބޭސްކޮޅުން 15 ޕަސެންޓު ވަރަށް އަވަހަށް ހުސްވާނެކަމަށާއި ފަރުވާދޭން ބޭނުންކުރާ އަންގި އާއި ކެތީޓާ ފަދަ ތަކެތި ވަރަށް މަދުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކެދްރާ ވިދާޅުވި ގޮތުގައި އެ މިނިސްޓްރީން ވަނީ ބޭސް ފަރުވާއަށް ތަކެތި ބޭނުންވާކަން އެގައުމުގެ ސަރުކާރުގައި ދަންނަވާފަ އެވެ.

މީގެ ހަފްތާއެއްހާ ދުވަސްކުރިން އިސްރާއީލުގެ ސިފައިން ފަލަސްތީނަށް ދެމުންދާ އުދުވާލީ ހަމަލާތަކުގައި ޣައްޒާގެ ނިކަމެތި ރައްޔިތުން ވަނީ އިސްރާއީލުގެ ވަރުގަދަ ބޮންތަކާއި ނުރައްކާތެރި މިސައިލުތަކުގެ ޝިކާރައަކަށް ވެފައެވެ. މިހާތަނަށް އެ ހަނގުރާމައިގައި ޝަހީދުވެފައިވާ ފަލަސްތީނުންގެ މީހުންގެ އަދަދު 160 އަށް ވުރެ ގިނަވެފައިވާ އިރު އެތައް ސަތޭކަ މީހުނަން ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.