15 Jul 2014, 15:34
މާލޭގައި ހަނި ގޯޅިއަށް ވާ ގޮތަށް ލިބިފައި ހުންނަ ގޯތީގެ ބައިތައް އުސްކުރުމުގައި މައި މަގުގެ ފުޅާ މިނަށް ބަލައި އުސްކުރުމުގެ ފުރުސަތު ދޭން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
ހައުސިން މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސް ވެރިންނަށް މައުލޫމަތު ދެއްވަމުން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭގެ ޕްލޭނިން ގަވާއިދަށް އެ ބަދަލު ގެނައީ ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން މަޖިލީހުގެ ގަވާއިދު ކޮމެޓީންނާއި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން އެކަމަށް ހުއްދަ ދިނުމުން ކަމަށެވެ.
މުއިއްޒު ވިދާޅުވީ، ކުރިން ހަނި ގޯޅިއަށް ވާ ގޮތަށް ލިބިފައި ހުންނަ ބިންތައް ވަކި ލިމިޓަކަށް އުސްކުރެވޭ ގޮތަށް އޮތް ނަމަވެސް މިހާރު މަގުގެ ފުޅާ މިނަށް ބަލައި އިމާރާތް އުސްކުރެވޭނެ ކަމަށެވެ. އިމާރާތް އުސްކުރުމުގައި ލުޔެއް ދިން ނަމަވެސް ގޯތީގެ ދިގުމިނާއި ފުޅާ މިނަށް ލިމިޓްވާ ލިމިޓްވުން މިހާރުވެސް ލިމިޓް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކުރިން އޮންނަ ގޮތަށް އޮތުމުން ޑިސްއެޑްވާންޓޭޖްތަކެއް އެބަހުރޭ. އަދި އެގޮތަށް މި ނިންމީ އާއިލާ ތެރޭގައި ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން،" މުއިއްޒު ވިދާޅުވި އެވެ.
އިމާރާތް ކުރުމުގެ ގަވާއިދަށް ގެނައި އިސްލާހުގެ ދަށުން މިހާރު އިމާރާތް ކުރުމަށް ފައުންޑޭޝަން އެޅުމަށް ބިން ކޮނެވޭނީ ހައުސިން މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ އިންޖިނިއަރެއްގެ ބެލުމުގެ ދަށުންނެވެ. އަދި އެ މަސައްކަތެއް ކުރެވޭނީ ވެސް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ކޮންޓްރެކްޓަރަކަށެވެ.
މިނިސްޓަރު ވިދާޅުވީ އެގޮތަށް ހަމަޖެއްސުމުން ކަމެއް ދިމާވެއްޖެނަމަ ދެފަރާތް ވެސް ޒިންމާދާރު ކުރެވޭނެ ކަމަށެވެ.
"ފައުންޑޭޝަން މެތަޑެއް އޮވޭ ފާސްކޮށްފައި. ނަމަވެސް ކޮނެލީމަ ޖެހިގެން ހުންނަގޭ ފާރު ރެނދު އަޅައި އަރި އަޅައި މައްސަލަ ދިމާވޭ. އެކަން ޒިންމާދާރު ކުރުވުމަށް އަޅުގަނޑުމެން ނިންމީ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ހައުސިން މިނިސްޓަރު ވިދާޅުވީ އިމާރަތް ކުރުމުގައި ކޮންސަލްޓަންސީއަށް ގެނައި ބަދަލު ތަކުގެ ތެރޭ ކުރެހުންތައް އަވަސް ކުރުމަށް އާކިޓެކްޗަރަލް ޗެކާސްގެ ގޮތުގައި އިތުރު ކެޓަގަރީއެއް ގަވާއިދުގައި ހިމަނާފައިވާ ކަމަށެވެ.
އިމާރަތުގެ ސަލާމަތީ ކަންކަން ރަނގަޅު ކުރުމަށް ގެނައި ބަދަލުގެ ދަށުން އިމަރާތް ކުރުމުގެ ހުއްދަ ލިބޭނީ މިނިސްޓްރީއާ އެއްކޮށް ގޭގެ ވެރިފަރާތާއި ކޮންޓްރެކްޓްޓަރު ވާ އެއްބަސްވުމެއްގެ ދަށުންނެވެ.
އެ އެއްބަސްވުމުގައި ވާ ގޮތުން ގެ ހެދުމުގައި ދިމާވަ ސަލަމާތީ ކަންކަމަށް ގޭގެ ވެރިފަރާތުން ޒިންމާވާންޖެހެ އެވެ. އަދި ގެވަށައިގެން ހިނގާ ބިނގާވެ އުޅޭ މީހުންގެ ސަލާމަތަށް ވެސް ގޭގެ ވެރިފަރާތުން ޒިންމާ ވާން ޖެހެއެވެ. އަދި ގަވާއިދާ ހިލާފުވާ ފާތްރަތައް ބޮޑެތި އަދަދުން ޖޫރިމަނާ ކުރުމަށް ވެސް ހިމަނާފައި ވެއެވެ.
"މިހާރު ކަމެއް ދިމާވީމަ އަޅުގަނޑުމެންނަށް ގޭގެ ވެރިފަރާތް، ކޮންޓްރެކްޓަރު ޒިންމާދާރު ކުރެވޭނެ. އަބަދުވެސް ދިމާވާ މައްސަލަ އަކީ ޒިންމާ ކުރުވާނެ މީހެއް ނުފެނޭ ހަމަ އެއްގޮތަކަށް ވެސް،" މިނިސްޓަރު ވިދާޅުވި އެވެ.
އިމާރާތް ކުރުމުގެ ގަވާއިދުގައިވާ ގޮތުން ދިރިއުޅުން ނޫން ގޮތަކަށް ދޫކޮށްފައި ހުންނަ ބިން ބިމުގައި އިމާރާތް ކުރުމުގެ ކުރިން ޕްލޭނިން ކަންކަން ކުރުމަށް ހުއްދަ އެއް ނަގަން ޖެހެ އެވެ. މިނިސްޓަރު ވިދާޅުވީ އެގޮތަށް ނިންމީ ކުރިން ނުގަވައިދުން ނަގާފައި ހުންނަ ބިންތަކުގައި އިމާރަތް ކުރާއިރު ވެސް ހުއްޓުވެނޭ ގޮތެއް ނޯންނާތީ ކަމަށެވެ