15 Jul 2014, 14:43
އިސްރާއީލާއި ހަމާސް ޖަމާއަތާއި ދެމެދު ބަދަލުކުރަމުންދާ ހަމަލާތައް ހުއްޓާލައި ސުލްހައިގެ ވާހަކަތައް ފެށުމަށް މިސްރުން ހުށަހެޅި ހުށަހެޅުން ގަބޫލުނުކޮށްފި ނަމަ، ގާޒާ އަށްދޭ ހަމަލާތައް މިހާރަށް ވުރެ ވަރުގަދަ ކުރާނެ ކަމަށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
ނަތަންޔާހޫ އެހެން ވިދާޅުވެ އިންޒާރު ދެއްވާފައި މިވަނީ، މިސްރުން ހުށަހެޅި ސުލްހައިގެ ވާހަކަތަކަށް އިސްރާއީލުން އެއްބަސްވި ނަމަވެސް، ޙަމާސްގެ އަސްކަރީ ގޮފި ކަމަށްވާ އިއްޒުއްދީން އަލްގައްސާމް ބްރިގޭޑުން އިން މިސްރުގެ އެ އެއްބަސްވުމަކީ ގަބޫލުކުރެވޭ އެއްބަސްވުމެއް ނޫން ކަމަށާއި އިސްރާއީލާއި ދެކޮޅަށް ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށް ބުނެފައި ވަނިކޮށެވެ.
މީގެ އިތުރުން، އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ބުނެފައި ވަނީ، ޙަމާސް ޖަމާއަތުން އިސްރާއީލުގެ އިރުދެކުނުގެ އޮންނަ ސިޓީއެއް ކަމަށްވާ އަޝްކެލޯން ކައިރިއަށް ތިން ރޮކެޓް ހަމަލާއެއް މިއަދު ދީފައިވާ ކަމަށެވެ.
ނަމަވެސް، އެ ހަމަލާގައި އެއްވެސް ތަނަކަށް އަދި އެއްވެސް މީހަކަ އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެ ގައުމުގެ ސަލާމަތީ ބާރުތަކުން ބުނެއެވެ.
މިސްރުން ހުށަހެޅި ހުށަހެޅުމުގައި ވަނީ ޝަރުތެއް ނެތި ދެފަރާތުން އެއްބަސްވުން ގަބޫލުކުރާތާ 12 ގަޑި އިރުގެ ތެރޭގައި ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށެވެ. އަދި އެއަށް ފަހު ޣައްޒާގެ ސަރަހައްދީ ރޮނގު ހުޅުވާލުމަށާއި ދެފަރާތުގެ ސުލްހައިގެ ވާހަކަ ތައް ދެދުވަސް ފަހުން މިސްރުގެ ވެރިރަށް ގާހިރާގައި ބޭއްވުމަކީ ވެސް އެއްބަސްވުމުގައިވާ ކަމެކެވެ.