ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ މުސާރަ ކަނޑައެޅުމުގެ ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެ ބިލު ފާސްކޮށްފައި ވަނީ ވޯޓްގައި ބައިވެރިވެވަޑައި ގެންނެވި 70 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ބިލް ސަރުކާރުން ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ މުސާރަ ކަނޑައެޅުމާ ބެހޭ ގާނޫނެއް ކަމުގައިވާ އިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ގާނޫނު އަސާސީގެ 102 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާތީ އާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހަކީ މިހާރު އޮންނަ މަޖިލީހެއް ކަމުގައިނުވާތީ އެ ގާނޫނަކީ މިހާރު ޢަމަލުކުރުން މުހިންމު ޤާނޫނެއް ކަމަށް ނުފެންނާތީ ކަމަށެވެ.

މިއަދުގެ ޖަލްސާގައި އެ ބިލް އުވާލުމުގެ އިތުރަށް ޗައިނީޒް އެގްޒިމް ބޭންކުން ނަގާ ލޯނުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 1500 ހައުސިންގް ޔުނިޓްގެ ތެރެއިން 704 ހައުސިންގް ޔުނިޓް ހުޅުމާލޭގައި އިމާރާތްކުރުމާ ބެހޭ ގޮތުން މިދިޔަ ޑިސެމްބަރު މަހު ނިންމާފައިވާ ނިންމުން އަދި އެއްފަހަރު މުރާޖަޢާކޮށްދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައި ބަހުސްކުރައްވާފައިވެ އެވެ.