15 Jul 2014, 14:07
ކަނޑުމަގުން 24 ކިލޯގެ ހެރޮއިން ރާއްޖެ އެތެރެ ކުރި އީރާނުގެ މަސް ބޯޓުގައި މަސައްކަތް ކުރާ ޕާކިސްތާން ދެ މީހަކު ޑީޕޯޓް ކޮށްލައިފި އެވެ.
ފުލުހުން ބުނީ، އެ ދެ މީހުން ރާއްޖެއަށް އެނބުރި ނަދެވޭގޮތަށް އިއްޔެ ފޮނުވާލާފައިވަނީ އެމީހުންގެ މައްޗަށް ދައުވާ އުފުލޭ މިންވަރަށް ހެކި ލިބިފައިނުވާތީ ކަމަށެވެ.
ކަނޑުމަގުން ރާއްޖެއަށް މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހު 24 ކިލޯގެ މަސްތުވާތަކެއްތި އެތެރެކުރަން މަސައްކަތްކޮށްފައިވަނީ އީރާނުގައި ރަޖިސްޓްރީ ކޮށްފައިވާ "ހޮރުމޯޒް" ނަމަކަށް ކިޔާ ބޯޓަކުންނެވެ.
ކަނޑުމަގުން ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެއްތި އެތެރެ ކުރަން އުޅުނު އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެއީ ޖުމްލަ 18 މީހެކެވެ. އެއީ ހަތަރު ދިވެހިންނާއި 11 ޕާކިސްތާން މީހުންނާއި ތިން ބަންގްލަދޭޝް މީހުންނެވެ.
އެމީހުންގެ ތެރެއިން، ބަންގްލަދޭޝްގެ ދެ މީހަކު ވަނީ މިދިޔަ މަހު ކްރިމިނަލް ކޯޓުން މިނިވަންކޮށްފައެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ޕާކިސްތާން 11 މީހުންގެ ތެރެއިން ނުވަ މީހަކު ވަނީ އެކި ފަހަރުމަތިން ދޫކޮށްލާފަ އެވެ.
އެ މައްސަލާގައި މިހާރު ފުލުހުންގެ ހައްޔަރުގައި ތިބީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝް މީހެކެވެ. އޭގެ ތެރެއިން ދެ ދިވެހިން ގޭ ބަންދުގައި ތިބިއިރު، އޭގެ ތެރޭގައި އެ މައްސަލާގައި ހައްޔަރުކުރި ދިވެހި ފުލުހަކުވެސް ހިމެނެއެވެ.
ފުލުހުން ބުނީ، އެ ބޯޓުން ރާއްޖެ ގެނެއި މަސްތުވާތަކެތީގެ މަގުމަތީ އަގު 36 މިލިއަން ރުފިޔާއަށް އަރާނެ ކަމަށާއި އަދި އެއަށް އިތުރު "ޕައުޑާ" ތައް އެއްކޮއްގެން ވިއްކައިފިނަމަ އެ ތަކެތީގެ އަގު 100 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.