ވިހި ވަނަ ކޮމަންވެލްތް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ކޮންޓިންޖެންޓުގެ "ޕްލެގް ބެއަރާ"އަކަށް ހަސަން ސާއިދު ހަމަޖައްސައިފި އެވެ.

ސާއިދުއަކީ މިމަހުގެ 23 އިން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ސްކޮޓްލެންޑުގެ ގްލާސްގޯގައި ބާއްވާ ކޮމަންސް ވެލްތު ގޭމްސްގައި ރާއްޖޭގެ ފަރާތުން ވާދަކުރާ އެތުލެޓިކްސް ޓީމުގެ މެންބަރެކެވެ.

ސާއިދުއަށް ރަސްމީކޮށް ދިދަ ހަވާކުރުން އޮތީ މިއަދު މިއަދު މެންދުރު މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގަ އެވެ. އޭނާއާ ރާއްޖޭގެ ގައުމީ ދިދަ ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖާމާލުއެވެ. އެ ބައްދަލުވުމުގައި އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މަރުޒޫގު (މަރޭ) ވެސް ބައިވެރިވެ ވަޑައިގަތެވެ.

މިފަހަރުގެ ކޮމަންވެލްތުގައި ރާއްޖެއިން ބައިވެރިވާ ކޮންޓިންޖެންޓާ ރަސްމީކޮށް ގައުމީ ދިދަ ހަވާލުކޮށްދެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވީ، ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ތަމްސީލުކުރާ ހުރިހާ އެތުލީޓުންނަށް ވެސް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ކުޅިވަރުތަކުގައި ދިވެހި ރާއްޖެއަށް ރީތި ނަން ހޯދުމަށްޓަކައި ނުވަތަ ކާމިޔާބު ހޯދުމަށްޓަކައި ސަރުކާރުން ވެދެއްވެން ހުރި ހުރިހާ އެއްބާރުލުމެއް ދެއްވަމުން ގެންދަވާ ކަމަށް މަލީހު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދުނިޔޭގައި ހަތަރު އަހަރުން އެއް އަހަރު ފާހަގަކުރަމުން މިއަންނަނީ ކުޅިވަރުގެ އީދެއްގެ ގޮތުގައި. މިއަހަރަކީ ކުޅިވަރުގެ އީދުގެ ގޮތުގައި ފާހަގަކުރާ އަހަރު. އެއީ ވޯލްޑް ކަޕް ނިމުނީ، އޭގެ އިތުރުން ކޮމަންވެލްތު ގޭމްސް އެބައާދޭ، ޔޫތު އޮލީމްޕިކް އެބައާދޭ، އޭޝިއަން ގޭމްސް އެބަ އާދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ އެސޯސިއޭޝަންތަކަށް ސަރުކާރުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެމުން... އެގޮތުން އަޅުގަނޑުމެން ވާނީ އިއްޔެ ނިންމުމެއް ނިންމާފައި، މިދިޔަ އަހަރުގެ ފަހު ކުއާޓާގެ ފައިސާގެ ތެރެއިން އެސޯސިއޭޝަން ތަކަށް ނުލިބިވާ ފައިސާ އަޅުގަނޑުމެން ދޫކުރުމަށް ވާނީ ނިންމާފައި. އޭގެ އިތުރުން ވެސް މިއަހަރުގެ ޕޭމަންޓްސް ތައް އަޅުގަނޑުމެން މިދަނީ މިހާރުވެސް ދޫކުރަމުން."

އޮލިމްޕިކް ކޮމިޓީގެ ފަރާތުން މަރުޒޫގު ވިދާޅުވީ، މިފަހަރަކީ ކޮމަންވެލްތު ގޭމްސްގައި ރާއްޖެއިން އެންމެ ބޮޑު ކޮންޓިންޖެންޓު ބައިވެރިވާ ފަހަރު ކަމަށެވެ.

"ރާއްޖެއިން ވަނީ މީގެ ކުރިންވެސް ކޮމަންވެލްތު ގޭމްސްގައި އެތައްފަހަރަކު ބައިވެރި ވެފައި. އެކަމަކު މިފަހަރު މީ އެންމެ ބޮޑު ކޮންޓިންޖެންޓެއް ބައިވެރިވާ ފަހަރު. 44 ބޭފުޅުން ކޮންޓިންޖެންޓުގައި ހިމެނޭއިރު އޮފިޝަލުންނާއެކު 51 ބޭފުޅަކު ބައިވެރިވެވަޑައިގަންނަވާނެ،" މަރޭ ވިދާޅުވި އެވެ.

މަރުޒޫގު ވިދާޅުވީ ރާއްޖޭގެ ކޮންޓިންޖެންޓުގައި ހިމެނޭ ފުރަތަމަ ޓީމު ފުރާނީ މިރޭ ކަމަށާއި އިތުރު ޓީމުތަކާއި އެހެން ހުރިހާ ކުޅިވަރުތަކެއްގެ އޮފިޝަލުން މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ފުރާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި އޮލިމްޕިކް ކޮމިޓީން ވަނީ، ކޮމަންވެލްތު ގޭމްސް ބައްލަވައިލެއްވުމަށް ވަޑައިގަތުމަށް ކުޅިވަރާ ބެހޭ ވަޒީރަށް ދައުވަތު އަރުވައިފައެވެ. އަދި މިފަހަރު ރާއްޖޭގެ ޓީމުން ބޭނުންކުރާ "ޓީމް މޯލްޑިވްސް"ގެ ޖާޒީއެއް ވެސް މިނިސްޓަރަށް ހަދިޔާކުރައްވާފައި ވެއެވެ.