ރިއޯޑިޖިނޭރޯ: ވިޔަފާރީގެ ހަނގުރާމައަކާ ދުނިޔެ ކުރިމަތިލަމުންދާ ކަމުގެ އިންޒާރު ބްރަޒީލުން ދީފިއެވެ. ބްރަޒީލުގެ މާލީ ވަޒީރު ގީޑޯ މަންޓީގާ ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު އިޤްތިސާދީ ދެބާރުކަމަށްވާ އެމެރިކާއާއި ޗައިނާއިން ދުނިޔޭގެ ފައިސާގެ މާކެޓާ ކުޅެމުންދަނީ ކަންބޮޑުވާ ދަރަޖައަކަށް ކަމަށާ މިކަމުގެ ސަބަބުން ވިޔަފާރީގެ ހަނގުރާމައަކާ ދިމާއަށް ދުނިޔެ މިސްރާބު ޖަހާފައިވާ ކަމުގައެވެ.
އިނގިރޭސިވިލާތުގައި ނުކުންނަ ފައިނޭންޝަލް ޓައިމްސް އަށް ދެއްވި ބަސްދީގަތުމެއްގައި ގީޑޯ ވިދާޅުވީ ބްރަޒީލާއި އެމެރިކާގެ ވިޔަފާރީގެ މުޢާމަލާތްތައް މިހާރުވަނީ އެމެރިކާއަށް ފައިދާވާގޮތަށް ކަމުގައެވެ. މިހެންދިމާވީ ވޭތުވެދިޔަ ދެތިން އަހަރުތެރޭގައި ދުނިޔޭގެ ފައިސާގެ ބާޒާރާ އެމެރިކާ ކުޅުމުގެ ސަބަބުން ކަމަށް ގީޑޯ ތުހުމަތު ކުރެއްވިއެވެ. ޗައިނާވެސް އެޤައުމުގެ ފައިސާ ކަމަށްވާ ޔުވާންގެ އަގު އޭގެ އަސްލު އަގަށްވުރެ ދަށް ކޮށްފައިވާ ކަމަށާ މިކަމުގެސަބަބުން އެޤައުމާއެކު ވިޔަފާރީގެ މުޢާމަލާތްކުރާ އެހެން ޤައުމުތަކުގެ އިޤްތިސާދަށް ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށް ގީޑޯ ވިދާޅުވިއެވެ.
ބްރަޒީލަކީ ދުނިޔޭގެ އަށްވަނަ އިޤްތިސާދެވެ. އަދި ކުރިޔަށްއޮތް ހަތަރުވަރަކަށް އަހަރު ތެރޭގައި ދުނިޔޭގެ ފަސްވަނަ އިޤްތިސާދުގެ މަޤާމް ބްރަޒީލް ހޯދާނެ ކަމަށް އިޤްތިސާދީ ލަފާކުރުންތައް ބުނެއެވެ.