15 Jul 2014, 13:43
ޗެލްސީއަށް ކުޅެމުން އަންނަ ކެމަރޫންގެ ކެޕްޓަން ސެމުއެލް އެޓޫ ޗުއްޓީ ހޭދަކޮށްލުމަށް އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ.
އެޓޫ އާއެކު އޭނަގެ ލޯބިވެރިޔާ ޖޯޖެޓް އާއި އާއިލާ ބައެއް މެންބަރުންވެސް އިއްޔެ ރާއްޖެ އައިސްފައި ވެއެވެ.
އެޓޫގެ ކެޕްޓަން ކަމުގެ ދަށުން، ބްރެޒިލްގައި ނިމިގެން ދިޔަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ގައި ވާދަކުރި ކެމަރޫން، މުބާރާތުން އަލްވަދާއު ކިޔާފައި ވަނީ، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކްރޮއޭޝިއާ އަތުން 4-0 ލަނޑުން ބަލިވެގެންނެވެ.
އުމުރުން 33 އަހަރުގެ އެޓޫ ކެމަރޫންގެ ގައުމީ ޓީމަށް 115 މެޗް ކުޅެފައި ވާއިރު، އޭނަ ވަނީ 55 ގޯލަށް ވުރެ ގިނަ ގޯލް ކެމަރޫނަށް ކަމިޔާބު ކޮށްދީފައެވެ.
ސަންއަށް އެނގިފައިވާގޮތުން އެޓޫ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ ފަސް ތަރީގެ ރިސޯޓެއްގައެވެ.
އެޓޫ އިއްޔެ ރާއްޖެ އައިސްފައިވާއިރު، މިމަހުގެ ކުރީ ކޮޅު މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ސްޕެއިންގެ ފުޓުބޯޅަ ކުޅުންތެރިޔާ ހުއާން މާޓާ ވެސް ރާއްޖެ އިސް ފައިވެއެވެ. އަދި މިދިޔަ މަހުގެ ފަހު ކޮޅު ސްޕެއިންގެ ފުޓުބޯޅަ ތަރި ފެނާންޑޯ ޓޯރޭޒް ވެސް ވަނީ އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައިސްފައެވެ.